ދިރާގުގެ ޗީފް ޓެކްނޮލޮޖީ އިންފޮމޭޝަން އޮފިސަރު (ސީޓީއައިއޯ) ގެ މަގާމަށް މުހައްމަދު މުސާދު ހަމަޖައްސައިފި އެވެ.

މުސާދު އެ މަގާމަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ދިރާގުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޑިރެކްޓަރުގެ މަގާމުގަ އެވެ.

ދިރާގުން ބުނީ މުސާދު އެ މާގަމަށް އައްޔަންކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ބޭއްވި އެކުންފުނީގެ ބޯޑު ބައްދަލުވުމެއްގައި ކަމަށެވެ.

ސީޓީއައިއޯގެ މަސްއޫލިއްޔަތުތަކާ މުސާދު ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.

އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އިންފޮމޭޝަން ގަވަނަންސްއާ ބެހޭ ސްޓްރެޓެޖީތަކާއި ޕޮލިސީތައް އެކުލަވާލުމާއި އިންފޮމޭޝަން ސިސްޓަމްތައް މެނޭޖުކުރުމުގެ އިތުރުން ސައިބާ ސެކިއުރިޓީ ގުޅުންހުރި މަސައްކަތްތަކާއި ޑިޖިޓަލް ޓްރާންސްފޮމޭޝަން މަސައްކަތް ހިމެނެ އެވެ.

މުސާދަކީ ޓެލެކޮމް ދާއިރާގައި 23 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޗާޓަޑް އިންޖިނިއަރެކެވެ.

ނިއުޒީލެންޑާއި އޮސްޓްރިއާ އަދި އިނގިރޭސިވިލާތުން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި މުސާދު އިންފޮމޭޝަން ސިސްޓަމް އިންޖިނިއަރިން އިން މާސްޓާގެ އިތުރުން އެމްބީއޭ އާއި ބެޗްލާ އޮފް އިންޖިއަރިން އެންޑް މޮބައިލް ޓެކްނޮލޮޖީގެ ދާއިރާއިންވެސް ތައުލީމު ވަނީ ހާސިލުކުރައްވައިފަ އެވެ.