ރިސޯޓުތަކުން ކަނޑަށް ކުނި އެޅުމުގެ ހުއްދަ މިއަހަރުގެ ނިޔަލަށް އަނެއްކާވެސް އިތުރު ކޮށްދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހު ފަސްކޮށްފައިވާ ކަމަށެވެ. އަދި އެ އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ކަމަށް އެ ސާކިއުލާގައި ބުނެފައި ވާއިރު، އެ ބަދަލު ގެންނަން ޖެހުނީ އެ ބަދަލުގެ ސަބަބުން ކުރިމަތި ވެދާނެ ދަތިތަކާ ގުޅިގެން އެ ސިނާއަތުގެ ސްޓޭކް ހޯލްޑަރުންނާ އެކު ކުރެވުނު މަޝްވަރާ އަށް ފަހުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ރިސޯޓުތަކުން ކަނޑަށާއި މޫދަށް ކުނިއެޅުން މަނާކޮށްފައިވަނީ “ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވައިދު” އަށް އިސްލާހު ގެނެސް އެ ގަވާއިދުގެ 5.3.3 ވަނަ މާއްދާ އުނިކުރުމަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 22ގަ އެވެ.

އެ ގަވައިދު” ގެ 5.3.3 ގައިވާ ގޮތުން ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ ކަނޑަށް އުކާލެވޭނީ ކާބޯތަކެތީގެ ބާކީ ބަޔާއި އަމިއްލައަށް ނެތިފަނާވެދާ ފަދަ ތަކެއްޗެވެ. އަދި އެ ތަކެތި އުކާލަން ޖެހޭނީ އޮޔާއި ވަޔަށް ބަލައި، ރަށްރަށަށް ނުލައްގާ ގޮތަށް އަދި އަތޮޅުން ބޭރަށް ދާ ގޮތަށް ކަމަށް އެ ގަވައިދުގައި ވެއެވެ. ގަވާއިދުގައި މިހެން އޮތުމުން ރިސޯޓުތަކުން އުކާލާ ފަނާވާ ޒާތުގެ ކުނި ގެންގޮސް އަޅަނީ މޫދަށާއި ކަނޑަށެވެ. ބައެއް ރިސޯތްތަކުން ނާޖާއިޒް ފައިދާ ނަގައި ކަނޑަށް ކުނި އަޅާ މައްސަލަ މި ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އައީ އިތުރު ވަމުންނެވެ. އަދި އެފަދައިން ކުނި އަޅާ މަންޒަރު ފެންނަ ވިޑިއޯތައްވެސް ދިޔައީ އިތުރުވަމުންނެވެ. އޭގެ ސަބަބަުން ކަނޑުގެ ދިރުން ތަކަށާއި ފަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

އިސްލާހު ގެނައި ބަދަލަށް އަމަލުނުކުރާ ފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ގަވައިދުގައި ބުނާއިރު، ފުރަތަމަ ފަހަރަށް 1،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރާނެއެވެ. ތަކުރާރު ކުރާ ނަމަ، 50،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. އަދި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ތަކުރާރު ކުރާނަމަ، އެ ރިސޯޓެއްގެ ހުއްދަ ބާތިލު ކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް އޮންނަ ކަމަށް އެ ގަވާއިދުގައި ބުނެ އެވެ.

ނަމަވެސް މިގަވައިދަށް އަމަލުކުރުން ފަސްކުރީ ރިޒޯޓްތަކަށް މިކަމުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާތައް ލިބެމުންދާތީ އެވެ. ކުނި އަޅާ މައްސަލައިގައި ހައްލު ހޯދަން ކުރި ރައްޔިތުން މަޖިލީހުގެ ކޮމިޓީއަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ހާޒިރުކޮށް ދެއްކި ވާހަކަތަކުގައި މަޓީން ބުނެފައި ވަނީ ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ހުއްޓާލަން ޖެހިއްޖެ ނަމަ ވަރަށް އުނދަގޫވާނެ ކަމަށާއި ހާއްސަކޮށް ސަފާރީތަކަށް، ރަށްރަށަށް ކުނި ގެންދަން ދަތުރުކުރަން، ވަރަށް ދަތިވާނެ ކަމަށެވެ. އަދި ރިސޯޓުތަކުން ކަނޑަށް ކުނި އެޅުން ހުއްޓޭނީ ކުނި މެނޭޖުކުރާ ފެސިލިޓީތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ކުނި އުފުލާ ބޯޓުތަކެއްގެ ހިދުމަތް ލިބިގެން ކަމަށެވެ.

ރިޒޯޓުތަކުން މޫދަށާއި ކަނޑަށް ކުނިއެޅޭ މުއްދަތު އިތުރު ކޮށްދީފައިވާއިރު ދާދިފަހުންވަނީ މިނިމަމް ވޭޖާއި ގުޅިގެން ރިސޯޓުތަކުގެ ބިމުކުލި ކުޑަކޮށްދިނުމަށްވެސް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށައަޅާފަ އެވެ.