މޫސުމް ގޯސްވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ ނުފެންނަ ހާލަތްތަކުގައި ޖައްސަން ބޭނުންކުރާ ސިސްޓަމް ބައެއް އެއާލައިންތައް ބޭނުންކޮށްގެން ޓެސްޓްކުރަން ފަށައިފި އެވެ.

ވީއައިއޭގައި އަލަށް ހެދި ރަންވޭގައި ބޭނުންކުރާ އިންސްޓްރޫމަންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ޓެސްޓް ކުރަން މަންޓާ އެއާ ފްލައިޓެއް މިއަދު ވަނީ އާ ރަންވޭއަށް ޖައްސަން އެޕްރޯޗްކޮށްފަ އެވެ.

މި ދަތުރުގައި އެ އެއާލައިންގެ ކެޕްޓަން މުހައްމަދު އިހުސާން އާއި ކެޕްޓަން ޝަޒީން މަންސޫރު ވެސް ބައިވެރިވި އެވެ.

އައިއެލްއެސް ހަރުކޮށްފައި ވަނީ އާ ރަންވޭގެ ފެށޭ ކޮޅުގަ އާއި ނިމޭ ކޮޅުގަ އެވެ. މިހާރު ބޭނުންކުރާ ރަންވޭގައި އެ ސިސްޓަމް ހަރުކޮށްފައި ހުންނަނީ އެއްކޮޅުގަ އެވެ.

މޫސުން ގޯސްވެ، އަނދިިރިވެގެން ރަންވޭގެ އެއްވެސް ލައިޓެއް ނުފެންނަ ހާލަތްތަކުގައި މި ސިސްޓަމުން ބޯޓުގެ ނެވިގޭޝަނަށް ބޯޓު ޖައްސަން ވާނެ މަގު ކިޔައިދޭނެ އެވެ. އޭރުން ރަންވޭގެ ލައިޓް ފެންނަން ނެތަސް ބޯޓުތަކަށް ރައްކާތެރިކަމާއެކު ޖައްސަން އެނގޭނެ އެވެ.