މިހާރު ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދުތަކަށް ބަލާއިރު، އަހަރު ނިމޭއިރު އަންނާނީ 1.6 މިލިއަން ޓޫރިސްޓުން ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ މިއަހަރަށް އެންމެ ފުރަތަމަ ލަފާ ކުރީ ދެ މިލިއަން ޓޫރިސްޓުންނަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތަށް އައި ބަދަލުތަކާއެކު އެ އަދަދަށް ބަދަލުތައް ގެނެވުނެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިއަހަރު ކަނޑައެޅީ ތިން ޓާގެޓެއް ކަމަށެވެ. އެއީ 1.6 މިލިއަން ޓޫރިސްޓުންނާއި، 1.7 މިލިއަން ޓޫރިސްޓުންގެ ޓާގެޓެއްގެ އިތުރުން 1.8 މިލިއަން ޓޫރިސްޓުންގެ ޓާގެޓެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަޝިއާއިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ކުރިން ލަފާކުރި އަދަދަށްވުރެ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ ކަމަށެވެ. އެގޮތުން އޭރު ލަފާކުރީ 2019ގެ އަދަދުތަކަށް ވުރެ މިއަހަރު ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު 11 ޕަސެންޓް ދަށްކޮށް މިދަނީ، އެ 11 ޕަސެންޓަކީ ރަޝިއާ ޔޫކްރެއިން މާކެޓުން ދަށްވި 11 ޕަސެންޓޭ ވެސް ބުނެވިދާނެ. ރަޝިއާ ޔޫކްރޭން އަކީ ކުރިން 20 ޕަސެންޓް ހިއްސާކުރާ މާކެޓެއް. އެހެން ނަމަވެސް މިހާރު އެ ދެ މާކެޓްގެ ހިއްސާއަކީ 10 ޕަސެންޓް،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިހާރު 11 ޕަސެންޓް ދަށްކޮށް މިދަނީ، އެ 11 ޕަސެންޓަކީ ރަޝިއާ ޔޫކްރެއިން މާކެޓުން ދަށްވި 11 ޕަސެންޓޭ ވެސް ބުނެވިދާނެ. ރަޝިއާ ޔޫކްރޭން އަކީ ކުރިން 20 ޕަސެންޓް ހިއްސާކުރާ މާކެޓެއް. އެހެން ނަމަވެސް މިހާރު އެ ދެ މާކެޓްގެ ހިއްސާއަކީ 10 ޕަސެންޓް،
ޑރ. މައުސޫމް

މިނިސްޓަރު ވިދާޅުވީ ހަނގުރާމަ ހުއްޓި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދުތައް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ. އަދި މިއަހަރަށް ޓޫރިސްޓުން އަންނާނެ އަދަދުތައް އަންދާޒާ ކުރިއިރު ޗައިނާއިން ރާއްޖެއަށް މިއަހަރުގެ ފަހު ކުއާޓަރުގައި ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވިގޮތުގައި މިއަހަރު ރާއްޖެއަށް 1.6 މިލިއަން ޓޫރިސްޓުންގެ ޒިޔާރަތްކުރުން ވެސް ވެގެންދާނީ ބޮޑު ކާމިޔާބީއަކަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 621،633 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދާއި އަޅާ ބަލާއިރު 8.7 ޕަސެންޓް ދަށް އަދަދެކެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުން ކަމަށްވާއިރު، މިއީވެސް ފާހަގަކުރެވޭ ކަމެއް ކަމަށެވެ.

"އެންމެ ބޮޑަށް ފާހަގަކުރެވެނީ އިނގިރޭސިވިލާތް ނަމްބަރު އެކަކަށް އެރިކަން. 50 އަހަރު ޓޫރިޒަމްގައި ހޭދަކޮށްލި ފަހުން ނަމްބަރު އެކަކަށް އެރީ. މިހާރު ގަދަ ދިހައެއްގައި ހުރި ހުރިހާ މާކެޓުތަކަކީ ވެސް މުހިއްމު މާކެޓްތައް،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ މުއްދަތު އިތުރުވެފައިވުން ކަމަށެވެ. އަދި އެވްރެޖް ޑިއުރޭޝަން އޮފް ސްޓޭ އިތުރުވުމަކީ ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުވުމަށް މަގުފަހިވާ ކަމެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓުން އެވްރެޖްކޮށް ރާއްޖޭގައި 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެ އެވެ.