ކްރޮސް ސަބްސިޑީގެ އުސޫލުން ތ. ކަނިމީދޫ އެއްކޮށް، ރިސޯޓު ހަދަން ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ކަނިމީދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމާ ގުޅޭ ގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ކަނިމީދޫ ތަރައްގީކުރުމުގައި މިނިސްޓްރީން މިހާރު ގެންގުޅޭ ވިސްނުމަކީ ވީހާ ވެސް އަވަހަކަށް އެ ރަށް ތަރައްގީކުރާނެ ފަރާތެއް ހޯދުން ކަމަށެވެ. އަދި ދިހަ ހެކްޓަރުގެ ބިން ބިޑަށް ލައިގެން އެއްވެސް ފަރާތެއްގެ ޝައުގުވެރިކަން ނުލިބުމުން މިނިސްޓްރީގެ ވިސްނުން މިހާރު ހުރީ ކްރޮސް ސަބްސިޑީގެ އުސޫލުން މުޅި ރަށް ކުއްޔަށް ދިނުމަށް ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

"ތ. ކަނިމީދޫ ތަރައްގީކުރުމުގައި މިނިސްޓްރީން މިހާރު ގެންގުޅޭ ވިސްނުމަކީ ވީހާ އަވަހަކަށް އެރަށް ތަރައްގީކުރާނެ ފަރާތެއް ހޯދައި އެރަށް ހަވާލުކޮށް އެރަށް ތަރައްގީކުރުން. މީގެ ކުރިން އެރަށުން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ދިހަ ހެކްޓަރުގެ ބިން އަޅުގަނޑުމެން ބިޑަށް ލައިގެން އެކަމަށް އެއްވެސް ފަރާތެއްގެ ޝައުގުވެރިކަމެއް ނުލިބުނު،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ އެ ރަށް ހަދާނެ ބަޔަކު ނުލިބުމުން ކްރޮސް ސަބްސިޑީގެ އުސޫލުން މުޅި ރަށް ކުއްޔަށް ދިނުމަށް ގަސްދުކޮށް އެކަމަށް މިހާރު މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި އުސޫލުން ތ. ކަނިމީދޫ ކުއްޔަށް ދިނުމުގައި ސަރުކާރުގެ ވިސްނުމަކީ ތ. އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ޚާއްސަކޮށް ވިލުފުށީ އެއަރޕޯޓް ތަރައްޤީކުރެވޭ ގޮތައް އެކަންތައް ކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކަނިމީދޫއަކީ ވޭމަންޑޫ ކައިރީގައި އޮންނަ ފަޅުރަށެކެވެ. ރިސޯޓެއް ތަރައްގީކުރުމަށް ކަނިމީދޫ ބީލަމަށް ލާން ޓޫރިޒަމް މިނިސްޓްރީން ނިންމައި، އެކަން އިއުލާންކުރީ 2019 ވަނަ އަހަރު އެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ކަނިމީދޫގެ ހަދަން އަންސޮލިސްޓެޑް ޕްރޮޕޯސަލް ހުށައަޅާފައިވާ ފަރާތަކާއެކީ ސަރުކާރުން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިހާރު ތ. އަތޮޅުގެ މާލިފުށީގައި ކޮމޯ މާލެފުށީގެ ނަމުގައި 152 އެނދުގެ ރިސޯޓެއް އަންނަނީ ހިންގަމުންނެވެ.