މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް (މާޕު) އިން އިންތިޒާމްކޮށްގެން ބާއްވާ ނެޝެނަލް އެޗްއާރު ކޮންފަރެންސާއި އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގާއެކު އިއްޔެ ސޮއިކޮށްފި އެވެ.

ދިރާގުން ބުނިގޮތުގައި އެޗްއާރު ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކާ އެކު ބާއްވާ މި ކޮންފަރެންސްގައި، ޕްރޮފެޝަނަލުންނާއި ސްޕީކަރުންނާއި ތަޖުރިބާކާރުން ބައްދަލުކޮށް ދާއިރާގެ އެންމެ ފަހުގެ ޓްރެންޑުތަކާއި، ރަނގަޅުކުރަން ހުރި ކަންކަމުގެ މައްޗަށް މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.

މާޕުގެ ރައީސް ހުސެއިން އަފީފް ވިދާޅުވީ އެ ޖަމިއްޔާއަށް ދިރާގުން އަބަދުވެސް އަންނަނީ ގިނަ އެހީތަކެއް ވަމުން ކަމަށެވެ. ކޮންފަރެންސްގައި ދަސްވާ ކަންތައްތައް ބައިވެރިންނަށާއި ދާއިރާއަށް ޝައުގުވެރިވާ އެންމެންނާ ހިއްސާކުރުމުގެ މަގު، ދިރާގު މެދުވެރިކޮށް ފަހިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އޮންނަ ކޮންފަރެންސާ ގުޅޭ ގޮތުން ދިރާގުގެ ސީނިއަ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، އެޗްއާރު ދާއިރާގެ ފެންވަރު ރަނގަޅުކޮށް ހިފެހެއްޓުމަށް މާޕުން ހިންގާ އެކި ހަރަކާތްތަކަށް އެ ކުންފުނީގެ އެއްބާރުލުން މާޕަށް އަބަދުވެސް ލިބޭނެ ކަމަށެވެ.

ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުން ބައިވެރިވާ މި އެކްސްޕޯގައި މަޝްވަރާކުރާނީ ޕެންޑަމިކަށް ފަހު މަސައްކަތުގެ މާހައުލަށް އައިސްފައިވާ ބަދަލުތަކާއި އޮފީސް މާހައުލުގެ ދުޅަހެޔޮކަމާއި ލީޑަޝިޕާއި އޮގަނައިޒޭޝަނަލް ބަދަލުތަކާއި ކުންފުނިތަކުގައި އެކި ކަންތައްތައް ދަސްކުރުމުގެ ސަގާފަތަށެވެ. ދުނިޔޭގެ ފެންވަރުގެ ސްޕީކަރުން ބައިވެރިވާ މި އެކްސްޕޯގައި، އެޗްއާރު ދާއިރާއިން ކުރިމަތިވާ އެކި މައްސަލަތަކަށް ހައްލު ހޯދާނެ ގޮތްތަކަށް ވެސް މަޝްވަރާކުރާނެ އެވެ.