ކޮވިޑް -19އާ ގުޅިގެން ބަންދުކޮށްފައި ހުރި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް މިމަހު މަހުގެ ކުރީކޮޅު ކަމަށް ބުނި ނަމަވެސް، މިހާރު މާލެ ސަރަހައްދުގައި ޕޮޒިޓިވްވާ ރޭޓް މަތިވުމުން، ގެސްޓް ހައުސްތައް ހުޅުވަން ހުއްދަ ދިނުން ލަސްކޮށްފި އެވެ.

ގެސްޓް ހައުސްތައް ހުޅުވުން ލަސްވުމާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ހުރިހާ"އަށް މިއަދު ވިދާޅުވީ މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވަން ހުއްދަދެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގޮތަށް ކްލިނިކްތަކުން ޕޮޒިޓިވްވާ ރޭޓާއި ކްލަސްޓާއަކާ ނުލައި ޕޮޒިޓިވްވާ ރޭޓް ދަށްކުރެވިގެން ކަމަށެވެ. އަދި މިހާރު އުއްމީދުކުރެވެނީ ގެސްޓްހައުސްތައް އަންނަ މަހުގެ މެދެއްހާތަނުގައި ހުޅުވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިދިޔަ ދެތިން ދުވަހު ފެނުނީ ޕޮޒިޓިވްވާ އަދަދު މައްޗަށް ދިޔަ ތަން. އަޅުގަނޑުމެންނަށް ހުޅުވާނެ ދުވަހެއް ބުނެވޭނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ދަށްވުމުން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން ގެސްޓް ހައުސްތައް ބަންދުކުރުމުން ގިނަ ބަޔަކު ތިބީ ހާލުގައި ކަމަށެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ގިނަ ތަންތަން ހިންގަނީ ވަރަށް ބޮޑު ކުއްޔަކަށް ހިފައިގެން ކަން ޑރ. މައުސޫމް ފާހަގަކުރެއްވި އެވެ.

"މިހާރު އެންމެ އަވަހަށް ބޭނުންވާނީ ހުޅުވާނެ ތާރީހެއް. އެ ތާރީހެއް ލިބިގެން އެތަންތަން ހުޅުވަން ބުކިންސްތައް ހަދަން ހުޅުވާލެވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވުމުން މާލެ ސަރަހައްދުގެ ބައެއް ގެސްޓްހައުސްތައް ޓްރާންސިޓް ތަންތަނުގެ ގޮތުގައި ހުޅުވަމުން އަންނަ ކަމަށެވެ.

"ކޮންމެ ވެސް އެއްޗެއް ލިބޭނެ ޓްރާންސިޓް ހޮޓަލެއްގެ ގޮތުގައި ހުޅުވުމުން. ނަމަވެސް ވަރަށް ކުޑަ އެއްޗެއް އެ ލިބެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ ގެސްޓްހައުސްތަކަށް ބުކިންސް ނަގަން ފެށޭނީ ހުޅުވާނެ ތާރީހެއް ދީގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދުގައި ޕޮޒިޓިވްވާ ރޭޓް ދަށްނުވާތީ އެ ތާރީހެއް ދޭން އުނދަގޫވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެޗްޕީއޭ އިން ތާރީހެއް ދިނުމުން ހުޅުވޭނީ. އެ ދުވަހެއްގެ އިންތިޒާރު މިހާރު މިތިބީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން އުއްމީދުކުރެއްވީ މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް މިމަހުގެ 15 ގައި ހުޅުވޭނެ ކަމަށެވެ.

"މިހާރު ތާރީހެއް ނުދެވޭނެ. ޑިސެމްބަރު މެދެއްހާ ހިސާބުގައި ހުޅުވުމުން އުއްމީދަކީ. ހުއްދަ ދިނުމުގައި މިހިރީ ވަރަށް ގިނަ ކަންތައްތަކާ ގުޅިފައި،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އަންނަ ޓޫރިސްޓުން މަޑުމަޑުން އިތުރުވާން ފެށުމުން މިހާރު 60 ޕަސެންޓް ރިސޯޓުތައް ހުޅުވާފައިވާ ކަމަށެވެ. ނަމަވެސް ގިނަ ރިސޯޓުތައް އަދިވެސް ހިންގަނީ ގެއްލުމުގައި ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.