މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 60 ލާރި ބެހުމަށް ނިންމައިފި އެވެ.

އެމްޓީޑީސީން މިގޮތަށް ނިންމީ މިމަހު 18 ގައި ބޭއްވި އެކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި ކަމަށެވެ. އެހެން ނަމަވެސް ބޯޑުން ނިމިގޮތަށް ހިއްސާގެ ފައިދާއަށް އެގޮތަށް ބެހޭނީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް އެކަން ހުށަހަޅައި ފާސްކުރުމުންނެވެ.

އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އެމްޓީޑީސީން އަދި އިއުލާނެއް ނުކުރެ އެވެ.

އެ ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 60 ލާރި ބަހަން ބޯޑުން ނިންމި އިރު، 2020 އަހަރު ހިއްސާއަކަށް ބެހީ 50 ލާރި އެވެ.

މިދިޔަ އަހަރު އެެ ކުންފުންޏަށް 211 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ.

އެމްޓީޑީސީން 11 އަހަރަށް ފަހު ހިއްސާ ބަހަން ފެށީ 2019 ގަ އެވެ. އެ ކުންފުނި ވުޖޫދަށް އައީ އައްޑޫގައި އެންމެ ފުރަތަމަ ހުޅުވަން މަސައްކަތްކުރި ރިސޯޓް ކަމަށްވާ ކެނަރީފް (ހެރަތަރަ) އާ އެކީގަ އެވެ. އެމްޓީޑީސީން އެންމެ ފުރަތަމަ ތަރައްގީކުރި އެ ރިސޯޓް ހުޅުވީ 2007 ގަ އެވެ.

އެ ކުންފުނީގެ ރައުސުލްމާލު މިހާރު 100 މިލިއަން ޑޮލަރަށް އަރާ ކަމަށް އެމްޓީޑީސީން ބުނެފައިވެ އެވެ.