ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތައް ގެންނަން 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ) ގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއްގައި އެސްޓީއޯއިން ސޮއިކޮށްފި އެވެ.

އެސްޓީއޯއިން ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއް ގާއިމްކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނާ އެކު އެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އަދި ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ސީއީއޯ ހާނީ ސާލެމް އެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ މިހާތަނަށް އެ ކުންފުންޏަށް ދޫކުރި އެންމެ ބޮޑު ޓްރޭޑް ފައިނޭންސިން ފެސިލިޓީ އެވެ.

އެސްޓީއޯއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތައް ގެންނަން 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއްގައި ސޮއިކޮށްފައިވެ އެވެ.

އެސްޓީއޯއިން ބުނި މި އެއްބަސްވުމުގައި ސޮއިކުރީ މިސްރުގެ ޝަރުމުއްޝައިޚްގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ފައިސާ ދޭން އެއްބަސްވި އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނަކީ އައިއެސްޑީބީގެ ޓްރޭޑް ފައިނޭންސިން ގޮތްޕެވެ.

މި ޓްރޭޑް ފައިނޭންސިން ފެސިލިޓީއަކީ އިސްލާމިކް ފައިނޭންސިންގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެކެވެ. އަދި އެސްޓީއޯއިން މި ފެސިލިޓީ ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.