ރަޝިއާގެ އެއިރޯ ފްލޮޓްގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރަން ނިންމައިފި އެވެ.

ރަޝިއާގެ ގައުމީ އެއާލައިން އެއިރޯ ފްލޮޓްގެ ދަތުރުތައް މެދުކަނޑާލީ އެ ގައުމުން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން މިދިޔަ މާޗް 8 ގަ އެވެ. ނަމަވެސް މިދަތުރުތައް އަލުން މިދިޔަ މަހު ވަނީ ފަށާފަ އެވެ.

އެއިރޯ ފްލޮޓްއިން ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން ދަތުރުތައް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިހާރު އެއިރޯފްލޮޓްއިން ރާއްޖެއަށް ހަފްތާއަކު ހަތަރު ދަތުރު އަންނަނީ ކުރަމުންނެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް ހަފްތާއަކު ހަ ދަތުރުކުރުމަށް ވަނީ ނިންމާފަ އެވެ.

އެއިރޯފްލޯޓުން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ރަޝިއާގެ ވެރިރަށް މޮސްކޯ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން 67,088 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އަދި މިހާތަނަށް ރާއްޖެއަށް ޖުމްލަ 706،468 ޓޫރިސްޓުން އައިސްފައިވެ އެވެ.