"މޯލްޑިވްސް ވާޗުއަލް ޓުއާ އެކްސްޕޯ"ގެ ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ރާއްޖޭގެ ގުދުރަތީކަން ބަލައިލަން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ހާއްސަ ދަތުރެއް ދޭން ނިންމައިފި އެވެ.

ޓީއެމްއޭ އިން ބުނީ އެ ސީޕްލޭން ޓުއާގައި 700 އަށް ވުރެ ގިނަ ރަށާއި 13 އަތޮޅެއްގެ ގުދުރަތީ ރީތިކަން ދައްކާލުމަށް 12 ގަޑިއިރުގެ ދަތުރެއް ކުރަން ނިންމާފައިވާ ކަމަށެވެ.

"މި ޓުއާގައި ސީޕްލޭން އެކި މަންޒިލްތަކަށް މަޑުކުރާނެ. އަދި އެ ދަތުރުގައި ރަށްށަށް މަޑުކޮށް އެތަންތަން ބަލާލައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ދެވޭނެ،" އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން މިދަތުރުގައި ޓީއެމްއޭ އިން ނަސީބުވެރި ފަރާތް ރާއްޖޭގެ އެންމެ ދެކުނުގެ އައްޑޫއަށް ގެންގޮސްދޭނެ އެވެ.

މޯލްޑިވްސް ވާޗުއަލް ޓުއާ އެކްސްޕޯގެ ބައިވެރިއަކަށް ހާއްސަ ދަތުރެއް ދޭން ޓީއެމްއޭ އިން ވަނީ ނިންމާފައި.

މޯލްޑިވްސް ވާޗުއަލް ޓުއާ އެކްސްޕޯއަކީ، ރާއްޖޭގެ ގުދުރަތީ ރީތިކަން އެންމެ ފުރިހަމަ ގޮތުގައި ބަލައިލަން ލިބޭ އެންމެ ރަނގަޅު ފުރުސަތަކަށްވާނެ އެވެ. މި އެކްސްޕޯގައި ބައިވެރިވާ މީހުންނަށް ޗުއްޓީ ހޭދަކުރުމުގެ 50 ފުރުސަތު ދޭން ވެސް ނިންމާފައިވެ އެވެ. މި ޓުއާގެ އެންމެ ހާއްސަ އިނާމު ހުށަހަޅާފައި ވަނީ ޓީއެމްއޭ އިންނެވެ.

ޓޫރިސްޓުންނަށް ރާއްޖޭގެ ހިތްގައިމުކަން އެންމެ ފުރިހަމައަށް ދައްކުވައިދެނީ ޓީއެމްއޭ އިންނެވެ. އަދި އެ އެއާލައިނުން އަންނަނީ ކޮންމެ ދުވަހަކު 300 އަށް ވުރެ ގިނަ ދަތުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ 80 އަށް ވުރެ ގިނަ ރިސޯޓަށް ކުރަމުންނެވެ.