މިދިޔަ މަހު މީރާއަށް 1.28 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މީރާއިން ބުނީ މިއަދަދަކީ މިދިޔަ އަހަރު މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 63 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ މޭ މަހުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 12.8 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ މޭ މަހުގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ މޭ މަހުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އެއާޕޯޓް ޓެކުހާއި ފީ ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު އާމްދަނީއަށް އިތުރުވެފައިވާތީ ކަމަށެވެ.

މީގެ އިތުރުން ޖީއެސްޓީ އަދި ނަން-ރެޒިޑެންޓް ވިތްހޯލްޑިން ޓެކްސް ގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވާކަން މީރާއިން ފާހަގަކުރެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ޖީއެސްޓީ ހިއްސާކުރާއިރު ދެ ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ދެން ލިބިފައި ވަނީ އިންކަމް ޓެކްސްއިންނެވެ. ޖީއެސްޓީއިން 829.44 މިލިއަން ރުފިޔާ ލިބިފައިވާއިރު އިންކަމް ޓެކްސްއިން ލިބިފައިވަނީ 105.85 ރުފިޔާ ލިބިފަ އެވެ.

މޭ މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 53.47 މިލިއަން ޑޮލަރު ހިމެނެ އެވެ.