ބީއެމްއެލް އާއި މާސްޓާ ކާޑު ގުޅިގެން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަތުރުކާޑު ދޫކުރަން ނިންމައިފި އެވެ.

އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެއީ ރާއްޖޭގައި ގާއިމުކުރާ "އިންޓަގްރޭޓެޑް ޓްރާންސްޕޯޓް ސިސްޓަމް" އަށް އެހީވުމުގެ ގޮތުން އެމްޓީސީސީއާއެކު ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

އެ ނިންމުމާއެކު، މާސްޓާކާޑު ވާނީ އާރްޓީއެލް އިން ދޫކުރާ ދަތުރުކާޑުގެ ހަމައެކަނި ޕޭމެންޓް ނެޓްވޯކަށެވެ. ނަމަވެސް، މާސްޓާކާޑު މެދުވެރިކޮށް ވިސާ އަދި އެމެރިކަން އެކްސްޕްރެސް ފަދަ ބީއެމްއެލް ގަބޫލުކުރާ ނެޓްވޯކުތަކުން އާރްޓީއެލްއާ ގުޅުން ހުރި ޕޭމެންޓްތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެ ދަތުރުކާޑާއެކު، "އޯޕެން ލޫޕް" ޓެކްނޮލޮޖީ ބޭނުންކުރާތީ ކަސްޓަމަރުންގެ އަތްމަތި ލުއިވެ، އެންމެ ކާޑަކުން ފައިސާގެ ހުރިހާ މުއާމަލާތެއް ކުރެވޭނެ އެވެ.

އެ ބޭންކުން ބުނިގޮތުގައި އޯޕަން ލޫޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން، ދަތުރު ކުރާ ފަރާތްތަކުން ފައިސާ ދެއްކުމަށް ގިނަ ކާޑުތަކެއް ބޭނުންނުކޮށް އެއް ކާޑަކުން ފައިސާގެ ހުރިހާ މުއާމަލާތެއް ކުރެވޭނެ އެވެ.

މި ކާޑު ޓޮޕްއަޕް ކުރުމަށް އިތުރު އިންފްރާސްޓްރަކްޗާ ބޭނުންކުރަން ނުޖެހުމާއެކު ދަތުރުވެރިންނަށް އިތުރު ހަރަދެއް ކުރަން ނުޖެހޭނެ އެވެ. މިއާއެކު ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަކަން ލިބި ހިދުމަތާމެދު ހިތްހަމަޖެހުން ލިބިގެންދާނެ އެވެ. އޯޕަން ލޫޕް ސިސްޓަމުގެ އެހީގައި މުވައްސަސާތަކަށް ދަތުރުކުރާ ފަރާތްތަކުގެ އަދަދުތަކާއި އިތުރު އެހެނިހެން މައުލޫމާތު ވަގުތުން ބަލާލެވޭނެ އެވެ. މިކަމުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެ ޓެކްނޮލޮޖީއަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ދަތުރު ކުރާއިރު، ފައިސާ ދެއްކުމުގެ ނިޒާމު އޮޕަރޭޓް ކުރަން ބޭނުންކުރާ މަޝްހޫރު ނިޒާމެކެވެ.

"އޯޕަން ލޫޕް" ނިޒާމާއެކު، އާރުޓީއެލް މެދުވެރިކޮށް ދަތުރުކުރާ މީހުންގެ އަދަދާއި މައުލޫމާތު ލިބި، ދަތުރުފަތުރުގެ ހިދުމަތް ފުޅާ ކުރަން ފަސޭހަވާނެ އެވެ.

އަލަށް ތައާރަފުކުރާ އެ ދަތުރުކާޑަށް ވަކި ތަނަކުން ރީ-ޗާޖު ކުރާކަށް ނުޖެހޭނެ އެވެ. އާރުޓީއެލް މަޝްރޫއު އޮޕަރޭޓުކުރާ އެމްޓީސީސީން މިހާރު ދޫކުރަނީ ޓާމިނަލްތަކުން ރިޗާޖު ކުރަން ޖެހޭ ކާޑުތަކެކެވެ.

އިއްޔެ ފެށި އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހދ. އަތޮޅުގެ 14 ރަށެއް ވަނީ "އޯޕެން ލޫޕް" ޓެކްނޮލޮޖީއާ ގުޅާލައިފަ އެވެ. އަދި އާރުޓީއެލްގެ ހިދުމަތް ފުޅާވި ވަރަކަށް، އިތުރު ރަށްތައް ވެސް އެ ޓެކްނޮލޮޖީއާ ގުޅާލާނެ އެވެ.

"އޯޕެން ލޫޕް ހިދުމަތުގެ ސަބަބުން ދަތުރުވެރިން އުޅޭ ހިސާބު ފަސޭހައިން ބަލާލެވޭ. އަދި މި ނިންމުމާއެކު ސަރުކާރުގެ އަމާޒެއް ކަމަށްވާ މާލެ ސިޓީ، ސްމާޓް ސިޓީ އަކަށް ހެދުމުގެ އަމާޒު ހަގީގަތަކަށް ހެދޭނެ،" އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި އެވެ.

އާރުޓީއެލް މަޝްރޫއުގެ ދަށުން މާލެ އާއި ހުޅުމާލޭގައި ފަށަން ހަމަޖެހިފައިވާ ބަސް އަދި ފެރީގެ ހިދުމަތުގައި ވެސް "އޯޕެން ލޫޕް" ޓެކްނޮލޮޖީ ބޭނުންކުރަން ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި، ބީއެމްއެލް އިން ދަނީ އައު ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުކުރުމުގައި ފައިތިލަ ސާބިތުކުރަމުންނެވެ. މިގޮތުން އޯޕަން ލޫޕް ޓްރާންސިޓް ކާޑު ސިސްޓަމަކީ މާސްޓަކާޑު ފަދަ ކުންފުނިތަކާ ގުޅިގެން ބޭންކުން ތައާރަފުކުރާ އީޖާދީ ޚިދުމަތެކެވެ.