ޔޫއޭއީގެ އެންމެ ޒުވާން ޝެފް، އުމުރުން 13 އަހަރުގެ އައިޝާ އަލް އުބައިދީ އަންނަ އަޟްހާ އީދުގައި ރާއްޖެ އައިސް، ރާއްޖޭގެ ޝެފްއަކާއެކު މަސައްކަތް ކުރަން ހަމަޖެހިއްޖެ އެވެ.

އައިޝާ މަސައްކަތް ކުރާނީ ޖޭ ޑަބްލިއު މެރިއޮޓް ރިޒޯޓުގެ ހެޑް ޝެފް އާމިނަތު އަބްދުލް ރަޝީދާއެކު އެ ރިސޯޓުގަ އެވެ.

އައިޝާ ރާއްޖޭގައި މަސައްކަތްކުރާ ދުވަސްވަރު އަރަބިއަން- މޯލްޑިވިއަން ސްޓައިލްގެ ކެއުންތަކާއެކު މެނޫއެއް ތައްޔާރުކުރާނެ އެވެ.

މި މެނޫގެ ކެއުންތައް ޖޭ ޑަބްލިއު ރިސޯޓުގެ "އާއިލާ" ރެސްޓޯރެންޓްގައި ޖުލައި މަހުގެ 02 ން 12 އަށް ފަތުރުވެރިންނަށް ލިބެން ހުންނާނެ އެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ޝެފް އައިޝާ ބާއްވާ ކެއްކުމުގެ ކުލާހެއްގައި ބައިވެރިވެ ހުނަރު ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ. މި ކުލާސްތަކުގައި ބައިވެރި ވުުމުގެ ފުރުސަތު އޮންނާނީ އެ މުއްދަތުގައި އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ކުޑަކުދިންނަށެވެ.

އަޟްހާ އީދަށް ހާއްސަ ކޮށްގެން ޖޭ ޑަބްލިއު ރިސޯޓުން ވަނީ ގިނަ ޕެކޭޖުތަކެއް ފަތުރުވެރިންނަށް ދޫކޮށްލާފަ އެވެ. އޭގެ ތެރޭގައި ތިން ދުވަހަށްވުރެ ދިގު މުއްދަތަކަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް 20 ޕަސެންޓްގެ ޑިސްކައުންޓް ލިބޭ ޕެކޭޖެއް ވެސް ހިމެނެ އެވެ.