މޯލްޑިވްސް މަނިޓަރީ އޮތޯރޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އަހްމަދު އިމާދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި އިމާދުގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށް، މިއަދުގެ ޖަލްސާގައި ވަނީ އެޖެންޑާ ކޮށްފަ އެވެ.

މާލިއްޔަތު ކޮމިޓީން އޭނާގެ ނަން ދިރާސާ ކުރުމަށްފަހު، ރުހުން ދެން ފެނޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްފަހު، އަލުން ތަޅުމަށް ފޮނުވާނެ އެވެ. އަދި އެއަށްފަހު، ތަޅުމުގައި ނަގާ ވޯޓުން އޭނާއަށް ރުހުން ދޭން ފާސް ވެއްޖެނަަމަ، އޭނާ އަށް މަގާމު ލިބޭނެ އެވެ.

އިމާދު ވަނީ، އިނގިރޭސި ވިލާތުން އިކޮނޮމިކްސް އަދި ފައިނޭސްގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފަ އެވެ. އަދި މެލޭޝިއާ އިން ހަަމަ އެ ދާއިރާ އިން ބެޗްލާސް ހާސިލްކުރައްވާފައިވެ އެވެ.

އިމާދު އަންނަނީ އެމްއެމްއޭގެ ފަރާތުން ކެޕިޓަލް މާކެޓިން ޑިވެލޮޕްމަންޓް (ސީއެމްޑީ)ގެ ބޯޑު މެމްބަރުކަންވެސް ކުރައްވަމުންނެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އެމްއެމްއޭ އަށް 31 އަހަރު ހިދުމަތް ކުރެއްވުމަށްފަހު، އޭނާ ރިޓަޔާ ކުރެއްވީ މިދިޔަ ޖުލައި މަސް ތެރޭގަ އެވެ. --އެމްބީއެސް