މަޝްހޫރު ވިޔަފާރި ކުންފުނި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ޑައިރެކްޓަރު އަދި ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު، ޑރ. އިބްރާހިމް އުމަރު މަނިކު 68، ރޭ ފަތިހު، ސިންގަޕޫރުގައި އަވަހާރަވެއްޖެ އެވެ.

މ. ސައްކެޔޮގަސްދޮށުގެ ޑރ. މަނިކު އަވަހާރަވީ ދާދިފަހުން ކުރިމަތިވެވަޑައިގެންނެވި އާލާސްކަންފުޅެއްގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގެ އައިސީޔޫގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދިނުމަށް ފަހު ގެއަށް ބަދަލުކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. އަވަހާރަވީ ހާލުކޮޅު ގޯސްވުމުން އަނެއްކާވެސް މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނިކޮށެވެ.

ޔުނިވާސަލްގެ ޑައިރެކްޓަރެއްގެ ގޮތުން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރެއްވުމުގެ އިތުރުން ޑރ. މަނިކަކީ ރާއްޖޭގެ ކޮކާ ކޯލާގެ އުފެއްދުންތައް އުފައްދާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީއަކީ، 1985 މެދުތެރޭގައި އޭނާ އުފެއްދެވި ކުންފުންޏެކެވެ. އޭނާއަކީ އަދިވެސް އެ ކުންފުނީގެ މައި ހިއްސާދާރެވެ.

ޑރ. މަނިކު ވަނީ ކިޔަވާ ވިދާޅުވުމަށްފަހު ރާއްޖެ ވަޑައިގެން، 80ގެ ކުރީކޮޅު ސެންޓްރަލް ހޮސްޕިޓަލުގައި ގިނަ ދުވަސްތަކެއް ވަންދެން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވައިފަ އެވެ. ވިޔަފާރީގެ ތެރެއަށް ނުކުމެވަޑައިގެންނެވީ އޭގެ ފަހުންނެވެ.

ޔުނިވާސަލް ރިސޯޓްތަކުގެ ހިއްސާގެ އިތުރުން ޑރ. މަނިކުގެ އަމިއްލަ ތިން ރިސޯޓެއް ވެސް ރާއްޖޭގައި ހިންގަވަ އެވެ. މީގެ ތެރޭގައި ދާދިފަހުން ބ. ތިލަދޫގައި ހުޅުވި މަތީ ފެންވަރުގެ ނައުޓިލަސް މޯލްޑިވްސް ހިމެނެ އެވެ.

ޑރ. މަނިކު އަވަހާރަވި އިރު އޭނާގެ ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވެ. އަނބިކަނބަލުންނަކީ ޖަރުމަނުގެ ބޭފުޅެކެވެ.

އޭނާ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު ސިންގަޕޫރުގެ ޗޯޗުކާން ގަބުރުސްތާނުގަ އެވެ. އެ ގަބުރުސްތާނުގައި މީގެ ކުރިން ޑރ. މަނިކުގެ މަންމާފުޅާއި އެއްބަބަފާ ބޭބޭފުޅު އަލީ އުމަރު މަނިކު ވެސް ފަސްދާނުލާފައިވެ އެވެ.