މާލެ އަތޮޅުގައި ތަރައްގީ ކުރާ "ފްލޯޓިން އައިލެންޑް" ޕްރޮޖެކްޓްގެ އާ އެއްބަސްވުމެއްގައި ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑާ އެކު ޓޫރިޒަމް މިނިސްޓްރީން ސޮއިކޮށްފި އެވެ.

މިރޭ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އެވެ.

ކުރިން ފްލޯޓިން އައިލެންޑްތަކުގެ ކައިރީގައި ދެ ރިސޯޓު ހަދަން ޕްލޭން ކޮށްފައިވެއެވެ. ނަމަވެސް ދެން އެކަން ކުރާނީ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓްގެ ދަށުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

މަޝްރޫއު ހިންގަމުން އަންނަ މޮޑެލް ބަދަލުކުރުމަށް ޓްރާންސްފާ ފީއެއްގެ ގޮތުން އެއް މިލިއަން ޑޮލަރު ސަރުކާރަށް ނެގުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑަޗް ޑޮކްލޭންޑްސްގެ ސީއީއޯ ޕައުލް ވިދާޅުވީ އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ބަދަލުވުމަށް މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެކަމަށެވެ. އަދި އެކަން ހާސިލު ކުރުމަކީ ލިބުނު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑަޗް ޑޮކްލޭންޑާ އެކު އެންމެ ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކުރީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިއްޔެ ވިދާޅުވެފައި ވަނީ، ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި އެ ކުންފުނިން އޮޅުވާލާފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓް ހިންގަން ސަރުކާރުން އެއްބާރުލުން ނުދޭކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

ފްލޯޓިން ސިޓީގައި 5،000 ގެ ހެދުމަށް ވަނީ ނިންމާފަ އެވެ.