ލަންކާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ފިޓްސް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

ފިޓްސްއެއާގެ ރާއްޖޭގެ އޭޖެންޓް، އޭވިއޭޝަން ސާވިސަސް އިން ބުނީ އަންނަ މަހު ހަތަކުން ފެށިގެން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮލޮމްބޯ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދެމެދު އެވެ.

އެ ތާރީހުގައި ދަތުރުތައް ފެށުމަށް ފަހު އަންނަ މަހުގެ ނިޔަލަށް ހަފްތާއަކު ހަތަރު ފްލައިޓު ބާއްވާނެ ކަމަށް އޭވިއޭޝަން ސާވިސަސް އިން ބުންޏެވެ.

ފިޓްސްއެއާ އަކީ މީގެކުރިން ރާއްޖެ އަށް ކާގޯ އެތެރެކުރާ އެއާލައިނެކެވެ.

އޭވިއޭޝަން ސާވިސަސް އިން ބުނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެން އެއާލައިންގެ ދަތުރެއް ހަފްތާގެ ކޮންމެ ދުވަހަކު ރާއްޖެ އަށް ބާއްވާ ގޮތަށް ރާވާފައިވާ ކަމަށެވެ. ކުރިން ފިޓްސްއެއާގެ ކާގޯގެ ދަތުރުތަކެއް ރާއްޖެ އަށް ބާއްވާފައިވެ އެވެ.

މި އެއާލައިންގެ ދަތުރުތައް އަންނަ މަހު ރާއްޖެ އަށް ފަށާ އިރު، މި ވަގުތު ރާއްޖެ އަށް އުދުހޭ ލަންކާގެ ހަމައެކަނި އެއާލައިނަކީ އެ ގައުމުގެ ގައުމީ އެއާލައިން، ސްރީ ލަންކަން އެއާލައިންސް އެވެ. އެ އެއާ ލައިނުން ވީއައިއޭގެ އިތުރުން އައްޑޫ ގަމަށް ވެސް ޝެޑިއުލް ދަތުރުތައް ބާއްވަ އެވެ.

ފިޓްސްއެއާގެ ދަތުރުތައް ރާއްޖެ އަށް އިންތިޒާމުކުރާ އޭވިއޭޝަން ސާވިސަސް އަކީ އިންޑިއާގެ އިންޑިގޯ އާއި ޔޫއޭއީގެ އިއްތިހާދު އެއާވޭސްގެ އިތުރުން އިޓަލީގެ އަލިޓާލިއާގެ ރާއްޖޭގެ އޭޖެންޓް ވެސް މެ އެވެ. މިހާރު 13 މަންޒިލަކަށް އުދުހޭ ފިޓްސްއެއާ އަކީ މީގެ 25 އަހަރު ކުރިން 1997 ގައި ވުޖޫދަށް އައި އެއާލައިނެކެވެ.