ރިސޯޓު ތަރައްގީކުރަން މިދިޔަ އަހަރުގެ ތެރޭގައި ހުޅުވާލި ރަށްތަކުގެ ބީލަން ފަސް ކުންފުންޏަކުން ކާމިޔާބުކޮށްފައި ވާއިރު، ކަނޑައެޅި މުއްދަތުގައި ފައިސާ ދެއްކީ ހަތަރު ކުންފުންޏަކުން ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ބީލަން އެވޯޑުކޮށްފައި ވަނީ ފ. އެނބުލިފުށި، ފ. ޖިންނަތުގައު، ގދ. ކަނޑަހަލަގަލަ، މ. ސީދީ ހުރާގެ އިތުރުން ހއ. އަލިދުއްފަރު ފިނޮޅެވެ.

ބީލަން އެވޯޑުކުރި ފަރާތްތަކުން ލީސް އެކުއިޒިޝަން ކޮސްޓާއި ޓޫރިޒަމް ޓްރެއިނިން ފަންޑަށް ހުށަހަޅާފައިވާ އަދަދުގެ 50 ޕަސެންޓް ދެއްކުމުގެ އިތުރުން އިނީޝަލް އެންވަޔަރަމަންޓް އެސެސްމެންޓެއް ހެދުމަށް 60 ދުވަހުގެ މުއްދަތެއް ޓޫރިޒަމް މިނިސްޓްރީން ދިނެވެ. މި މުއްދަތު ހަމަވިއިރު، ފައިސާ ދެއްކީ ހަތަރު ކުންފުންޏަކުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ފައިސާ ދެއްކި ކުންފުނިތައް

  1. ފ. އެނބުލުފުށި - ނައިޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް: ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 3.601،155 ޑޮލަރާއި ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000 ޑޮލަރު ހުށަހަޅާފައިވޭ.
  2. ފ. ޖިންނަތުގައު - އަކިރި ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް : ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 2.021,121.00 ޑޮލަރާއި ޓޫރިޒަމް ޓްރެއިނިން ފަންޑަށް 200،121.00 ޑޮލަރު ހުށަހަޅާފައިވޭ.
  3. ގދ. ކަނޑަހަލަގަލަ - ޕަޔަނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 2.800،000 ޑޮލަރާއި ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000 ޑޮލަރު ހުށަހަޅާފައިވޭ.
  4. މ. ސީދީހުރާ އާއި ސީދީހުރާ ވެލިގަނޑު - މާކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 1.599،999 ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 120،000 ޑޮލަރު ހުށަހަޅާފައިވޭ

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މުއްދަތު ހަމަވިއިރު ހއ. އަލިދުއްފަރުފިނޮޅުގެ ބީލަން ކާމިޔާބުކުރި ފަރާތުން އެވޯޑް ލެޓާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކޮށްފައިނުވާ ކަމަށެވެ. މިގޮތުން އަލިދުއްފަރުފިނޮޅުގެ ބީލަން ކާމިޔާބުކުރި ފަރާތުން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ "ފޯފީޓް" ކުރުމާއި ފ. އެނބުލުފުށި، ފ. ޖިންނަތުގައު، ގދ. ކަނޑަހަލަގަލަ އަދި މ. ސީދީހުރާ (މ. ސީދީހުރާ ވެލިގަނޑާއި އެކު) ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.