މި އަހަރު ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރި 1.6 މިލިއަން ޓޫރިސްޓުންގެ ތެރެއިން، ފުރަތަމަ ހަ މަސް ތެރޭގައި 50 ޕަސެންޓް ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ވޭތުވެދިޔަ ހަ މަސް ތެރޭގައި ރާއްޖެއަށް އަށް ލައްކަ ޓޫރިސްޓުން އަ އެވެ. މިދިޔަ މަހު އެކަނި އެއްލައްކަ ޓޫރިސްޓުން އެތެރެވި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ވޭތުވެދިޔަ ހަ މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ މާޗް މަހު އެވެ. އެއީ، 150،000 ޓޫރިސްޓުންނެވެ.

ވޭތުވެދިޔަ ހަ މަސް ތެރޭގައި ރާއްޖެއަށް ކޮންމެ މަހަކު ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ

  1. އިންޑިއާ: އެ ގައުމުން 119،000 ޓޫރިސްޓުން
  2. އިނގިރޭސިވިލާތް: އެ ގައުމުން 96،000 ޓޫރިސްޓުން
  3. ރަޝިޔާ: އެ ގައުމުން 81،000 ޓޫރިސްޓުން

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާ- ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެސަރަހައްދުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އަދި އެ ހަނގުރާމައިގެ ކުރިން އެ ސަރަހައްދަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދިޔަ ސަރަހައްދެވެ. އޭގެ ފަހުން އަނެއްކާ ވެސް އެ ސަރަހައްދުން ޓޫރިސްޓުން އައުން އަންނަނީ އިތުރުވަމުންނެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3،600 ޓޫރިސްޓުން އާދެ އެވެ. މިއީ މެއި މަހަށް ވުރެ 400 ޓޫރިސްޓުން މަދު އަދަދެކެވެ. މިދުވަސްވަރަކީ ރާއްޖެއަށް އާންމުކޮށް ވެސް ޓޫރިސްޓުން މަދުން އަންނަ ދުވަސްވަރު ނަމަވެސް، މިއަހަރު ވާނީ އޮފް ސީޒަންގައި އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަހަރަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.