ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެއާލައިންތަކަށް ތެޔޮ ވިއްކާ މިންވަރު އިއްޔެއިން ފެށިގެން ކޮންޓްރޯލްކޮށްފި އެވެ.

އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ވަނީ ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފިއުލް ޝޯޓޭޖް އިއުލާނުކޮށް ނޯޓިސް ނެރެފަ އެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް، ޖެނެރަލް މެނޭޖަރު ހަސަން އަރީފް "ހުރިހާ"އަށް މިއަދު ވިދާޅުވީ އިއްޔެއިން ފެށިގެން އެއާލައިންތަކަށް ތެޔޮ ވިއްކާ މިންވަރު ލިމިޓްކުރީ ތެޔޮ ޝިޕްމަންޓުގައި ދިމާވި ޑިލޭއެއްގެ ސަބަބުން ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން ކޮންޓްރޯލް މެކޭނިޒަމްއެއްގެ ދަށުން މިހާރު ފިއުލް ރިލީޒް މި ކުރަނީ. އެއީ ހުރިހާ އެއާލައިންތަކަށް ވެސް ފުރުސަތު ދޭން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތެޔޮ ޝިޕްމަންޓް ލިބޭނީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށާއި، ޝިޕްމަންޓް ލިބެންދެން އެއާލައިންތަކަށް ތެޔޮ ވިއްކާނީ ލިމިޓް ކޮށްގެންނެވެ. އަދި ތެޔޮ ވިއްކާ މިންވަރު ލިމިޓްކުރި ނަމަވެސް އެއްވެސް ރީޖަނަލް އެއާޕޯޓެއްގައި ފިއުލް ސްޓޮކް ހުސްވެފައިވާ ކަމުގެ މައުލޫމާތު ނުލިބޭ ކަމަށް ހަސަން ވިދާޅުވި އެވެ.

"އަން އެކްސްޕެކްޓެޑްލީ ފިއުލް ސަޕްލައި ޑިލޭއެއް މިވީ އެހެންވީމަ އަޅުގަނޑުމެން މި ދުވަސްކޮޅަށް އެއާލައިންތަކަށް މި ލިމިޓް ކަނޑައެޅީ. ދެން އެއާޕޯޓުތަކުގައި އާންމުކޮށްވެސް ހުންނާނެ ސްޓޮކް މެއިންޓެއިންކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކުރިއާލައި ފިއުލް ޝޯޓޭޖް އިއުލާނުކޮށް ތެޔޮ ވިއްކުން ލިމިޓްކުރީ ފްލައިޓުތަކަށް އެއްވެސް ކަހަލަ ބުރޫއެއް އެރިޔަ ނުދީ، ހުރިހާ އެއާލައިންތަކަށް ވެސް އޮޕަރޭޓް ކުރުމުގެ ފުރުސަތު ދިނުމަށްޓަކައި ކަމަށާއި މީގެ ކުރިންވެސް އެމްއޭސީއެލް އިން އެގޮތަށް އަމަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހެން މި ދިމާވަނީ ވަރަށް މަދު ފަހަރެއްގައި. ޝިޕްމަންޓް އައުން ލަސްވީ މޫސުމާ ހެދި ދަތުރުފަތުރުކުރަން އުނދަގޫތަކެއް ކުރިމަތިވުމުން ކަމަށް އެނގިފައި ވަނީ،" ހަސަން ވިދާޅުވި އެވެ.

އެމްއޭސީއެލްއަށް ބޭނުންވާ ތެޔޮ ސަޕްލައިކުރަނީ އެސްޓީއޯއިންނެވެ.