އަލިމަތަ ރިސޯޓުން ކަނޑަށް ކުނި އެޅުމުން ތިންލައްކަ ރުފިޔާއިން އިއްޔެ ޖޫރިމަނާކޮށްފި އެވެ،

އެންވަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ ވ. އަލިމަތާގައި ހިންގާ ނަކައި އަލިމަތަ ރިސޯޓުން ކުނިވާޒާތުގެ ކުނި ކަނޑަށް އެޅުމުން އެފަރާތުންވަނީ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ކުނި މެނޭޖުކުރުމުގެ މިންގަނޑުތަކާ ހިލާފުވެފައި ކަމަށެވެ.

އެހެންވެ ކަނޑަށް ކުނި އެޅުމާ ގުޅިގެން އެ ރިސޯޓު ޖުމްލަ 312,750 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

އެ އެޖެންސީން ބުނީ އެ ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އެ ފަރާތަށް އަންގާފައިވާނެ ކަމަށެވެ.

ރިސޯޓުތަކުން ކަނޑަށާއި މޫދަށް ކުނިއެޅުން މަނާކޮށްފައިވަނީ "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވައިދު" އަށް އިސްލާހު ގެނެސް އެ ގަވާއިދުގެ 5.3.3 ވަނަ މާއްދާ އުނިކުރުމަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22ގަ އެވެ.

އެ ގަވައިދުގެ 5.3.3 ގައިވާ ގޮތުން ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ ކަނޑަށް އުކާލެވޭނީ ކާބޯތަކެތީގެ ބާކީ ބަޔާއި އަމިއްލައަށް ނެތިފަނާވެދާ ފަދަ ތަކެއްޗެވެ. އަދި އެ ތަކެތި އުކާލަން ޖެހޭނީ އޮޔާއި ވަޔަށް ބަލައި، ރަށްރަށަށް ނުލައްގާ ގޮތަށް އަދި އަތޮޅުން ބޭރަށް ދާ ގޮތަށް ކަމަށް އެ ގަވައިދުގައި ވެއެވެ.

ގަވާއިދުގައި މިހެން އޮތުމުން ރިސޯޓުތަކުން އުކާލާ ފަނާވާ ޒާތުގެ ކުނި ގެންގޮސް އަޅަނީ މޫދަށާއި ކަނޑަށެވެ. ބައެއް ރިސޯތްތަކުން ނާޖާއިޒް ފައިދާ ނަގައި ކަނޑަށް ކުނި އަޅާ މައްސަލަ މި ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އައީ އިތުރުވަމުންނެވެ. އަދި އެފަދައިން ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ދިޔައީ އިތުރުވަމުންނެވެ. އޭގެ ސަބަބުން ކަނޑުގެ ދިރުންތަކަށާއި ފަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

އިސްލާހު ގެނައި ބަދަލަށް އަމަލުނުކުރާ ފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ގަވައިދުގައި ބުނާއިރު، ފުރަތަމަ ފަހަރަށް 1،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރާނެއެވެ. ތަކުރާރު ކުރާ ނަމަ، 50،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. އަދި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ތަކުރާރު ކުރާނަމަ، އެ ރިސޯޓެއްގެ ހުއްދަ ބާތިލު ކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް އޮންނަ ކަމަށް އެ ގަވާއިދުގައި ބުނެ އެވެ.