ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ސްޓެލްކޯއިން ސޮޕޮންސާކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އެވެ. އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ސޮސައިޓީގެ ޗެއާޕާސަން އައިޝަތު ޝިރުހާނާ އެވެ.

ސްޓެލްކޯއިން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މި އަހަރުގެ ބާކީ މިއޮތް ދުވަސްތަކުގައި އެ ޕްރޮގްރާމަށް ބޭނުންވާ އެހީތެރިކަން ސްޓެލްކޯއިން ފޯރުކޮށްދޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ހިންގުމަށްޓަކައި ދޭންޖެހޭ ހުރިހާ ބާވަތެއްގެ އެއްބާރުލުމެއް ފުރިހަމަކަމާއެކު ދެއްވާނެ ކަމަށާއި، ސްޓެލްކޯއަކީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިޖުތިމާއީ ސިޔާސަތުގެ ތެރޭގައި، އެއްވެސް ޖަމާތެއް ނުވަތަ ބައެއް ނުވަތަ މީހަކު ހަވާސާވެގެން ގޮސް ބާކީވެ ދިއުމަކީ އެއްވެސް ހާލެއްގައި ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫން. އެގޮތަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އެސްއޯއީސްތަކުން، ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ ކުންފުނިތަކުން، މިކަހަލަ ގޮތަކަށް ހަވާސާވެގެންދާ ފަރާތްތަކާއި ދޭތެރޭގައި އަޅާލުން އެއީ ވަރަށް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑުވެސް ގަބޫލު ކުރަން،" ޝަރީފް ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތް ތަނުގައި ކުންފުނީގެ ސީއެސްއާރުގެ ދަށުން، މުޖުތަމައު ތެރޭގައި ހަވާސާވެފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާ، ޖަމާތްތަކަށް ކުންފުނިން ވެވެން އޮތް އެހީތެރިކަމެއް ވާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއާޕާސަން އައިޝަތު ޝިރުހާނާ ވިދާޅުވީ، މިދިޔަ 22 އަހަރު ވަރަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށާއި، އޭގެ ތެރެއިން ވެސް ކުޑަކުދިން އަދި ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ފާހަގަ ކޮށްލެވޭ ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން، ހިލޭ ކްލިނިކަކާއި، އެ ކުދިންނަށް ބައްޔާއެކު، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ކަންތައްތަކެއް މަގުފަހިކޮށްދިނުމަށް، މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، 2020 ގައި އެ ސޮސައިޓީއަށް ދިމާވި، މާލީ ދަތިތަކާއި ހުރެ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ގިނަ ދަތިތަކެއް ކުރިމަތިވިކަން ޝިރުހާނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އެކި ފަރާތްތަކަށް ދަންނަވަމުން ގެންދިޔައިން އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިކަން ވެދެއްވުމަށް. އަދި މިކުދިންނަށް ހަމަ އެކުދިންގެ ދިރިއުޅުން ރަނގަޅުގޮތުގައި ކުރިއަށްގެންދިއުމަށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ ދިރި ތިބުމަށޭ. އެހީތެރިވުމަށް އަޅުގަނޑުމެން އެދެމުންދިޔައީ. އަޅުގަނޑު ވަރަށް އުފާވެއްޖެ ސްޓެލްކޯއިން އަޅުގަނޑުމެންނަށް މިކަމުގައި އިޖާބަދީ، އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނެންގެވީތީވެ،" ޝިރުހާނާ ވިދާޅުވި އެވެ.