މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ކ. މާފުށީގައި ބާއްވާ އީދު ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

"މާފުށީ ޢީދު އުފާ" ގެ ނަމުގައި މާފުށީ ރަށު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި އީދު ފެސްޓިވަލް ކުރިއަށްދާނީ މަހުގެ 8 އިން 11 ގެ ނިޔަލަށެވެ.

ފެސްޓިވަލްގައި ކުރިއަށް ދާނެ ބައެއް ސަގާފީ ހަރަކާތްތަކުގެ ތެރޭގައި ބޮޑުމަސް ބޭނުން، ކޯޑި ނެރުން އަދި މާލި ޕެރޭޑް ހިމެނެ އެވެ. މީގެ އިތުރުން ކަލާ ރަންއަކާއި، ވޯޓަ ޕާކްގެ ހަރަކާތްތަކާއި ޚާއްސަ އީދު ޝޯއެއް ވެސް ބާއްވަން ހަމަޖެހިފައިވެ އެވެ.

މި ފަހަރުގެ އީދު ހަރަކާތްތަކުގައި ބައިވެރިވުމަށް 7،000 މީހުން މާފުށްޓަށް އަންނާނެ ކަމަށް އެ ރަށު ކައުންސިލުން ލަފާކުރެ އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ "މާފުށީ ޢީދު އުފާ" ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ސަގާފީ ހަރަކާތްތައް ޕްރޮމޯޓް ކުރާ މިފަދަ އިވެންޓްތަކަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. އަދި ދިރާގުން ކުރިއަށް އޮތް ތާނގައިވެސް މިފަދަ ކަންކަމަށް އެއްބާރުލުން ދޭނަން،" ނާޔާ ވިދާޅުވި އެވެ.

މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހު ވިދާޅުވީ އިޖްތިމާއީ އަދި ސަގާފީ އެކި ކަންކަމާއި އިވެންޓްތަކަށް ދިރާގުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މިފަދަ އީދު ހަރަކާތްތަކުގެ ސަބަބުން ރަށްރަށަށް ވަރަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަން ޔަގީން. މިގޮތުން އަޅުގަނޑުމެންގެ މިފަދަ ބޮޑެތި އިވެންޓްތަކަށް ދިރާގުން މެދުކެނޑުމެއްނެތި ވެދެއްވާ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރަން،" ސަލާހު ވިދާޅުވި އެވެ.

މުޖުތަމައު ބާރުވެރިކުރުމަކީ ދިރާގުގެ ސީއެސްއާރު ސްޓްރެޓެޖީގެ މައިގަނޑު އެއް އަސާސެވެ. މިގޮތުން ރާއްޖޭގެ އިޖްތިމާއީ ކުރިއެރުމަށް ފުރުސަތު ތަނަވަސްކޮށްދޭ ތަފާތު މަޝްރޫޢުތަކަށް އެކުންފުނިން އަންނަނީ އެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދިރާގުން އަންނަނީ ރާއްޖޭގެ އިޖްތިމާއީ ތަރައްގީއަށް ބާރުއަޅާ އެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.