"މޯލްޑިވްސް މެރިން އެކްސްޕޯ 2022 "ގެ ލުބްރިކެންޓް ޕާޓްނަރަކަށް ވިލާ ހަކަތަ ހަމަޖައްސައިފި އެވެ.

މީޑިއަމް ޕްރައިވެޓް ލިމިޓެޑް އިން އިންތިޒާމްކޮށްގެން ބާއްވާ މެރިން އެކްސްޕޯގެ ހަތް ވަނަ އެޑިޝަންގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ޕަމޭލޯ ބައި ލެމަންގްރާސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވިލާ ހަކަތައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރު އޮފް ސޭލްސް ބާސިލް ނަފީސެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ މިއަހަރު ކުރިއަށް ގެންދާނީ އަންނަ އޮގަސްޓް މަހުގެ 4 އިން 6 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގަ އެވެ.

މެރިން އެކްސްޕޯޯއަކީ ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ އަދި މި ސިނާއަތުގައި ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރި އިވެންޓެވެ. މި އެކްސްޕޯގައި ރާއްޖޭގެ އެންމެ މަގުބޫލު ބޯޓް ބިލްޑަރުންނާއި އިންޖީން ބްރޭންޑްތަކާއި، ބައިނަލްއަގްވާމީ މެރީން ބްރޭންޑްތަކާއި، ވޯޓާ ސްޕޯޓްސް އާއި ޑައިވް ބްރޭންޑްތައް ބައިވެރިވެ އެވެ.

ވިލާގެ އޮފިޝަލަކު ވިދާޅުވީ، މި އެކްސްޕޯގައި ދުނިޔޭގެ އެއް ވަނަ ލުބްރިކެންޓް ބްރޭންޑްގެ ގޮތުގައި ފާހަގަކޮށްލެވޭ "ޝެލް" ބްރޭންޑްގެ ލުބްރިކެންޓް ޑިސްޕްލޭ ކުރާނެ ކަމަށެވެ. އެގޮތުން ޕަވާ ޖެނެރޭޝަންސް އާއި، މެރިން އިންޖީންސް އާއި ލޭންޑް އަދި ހެވީ އިންޖީންސްގެ ލުބްރިކެންޓްގެ އިތުރުން، ބޮޑެތި މެޝިނަރީސްތަކަށް ހާއްސަ ހައިޑްރައުލިކް އާއި ބްރޭކް ފްލުއިޑްސްވެސް ޑިސްޕްލޭކޮށްފައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލާ ހަކަތައަކީ ރާއްޖޭގައި މި ބްރޭންޑްގެ އުފެއްދުންތައް އެތެރެކޮށް މާކެޓްކުރާ އޮތޮރައިޒް ޑިސްޓްރިބިއުޓަ އެވެ.

ވިލާ ހަކަތައަކީ ރާއްޖޭގެ އެނާޖީ ދާއިރާގެ ޕަވާހައުސްއެއްގެ އިތުރުން ކޮންސްޓްރަކްޝަން މެޓީރިއަލް ވެސް ފުޅާ ދާއިރާއެއްގައި ސަޕްލައިކުރެ އެވެ

މެރިން އެކްސްޕޯ ޝޯގެ ތެރެއިން ބައިވެރިންނަށާއި، ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ކަންކަން ވެސް ކުރިއަށް ގެންދަން ރާވާފައިވެ އެވެ. އޭގެ އިތުރުން އައު ޕްރޮޑަކްޓްތައް ލޯންޗު ކުރުމާއި، ޕްރޮޑަކްޓްތައް ހައިލައިޓް ކުރާ ސެޝަންތަކާއި، ބޯޓާއި އިކްއިޕްމަންޓް ޑިސްޕްލޭތަކާއި ޝޯކޭސް އޭރިއާތަކާއި، ސީ ފުޑް ރަހަ ބަލައިލުމާއި ޕްރޮޑަކްޓްތައް ދައްކާލުމަށް މެރީން ފުޑްސް އޭރިއާތަކާއި، އެ ސިނާއަތާ ބެހޭ މުހިއްމު މަޢުލޫމާތު ފޯރުކޮށްދޭ ޕެނެލް ޑިސްކަޝަންތަކުގެ އިތުރުން ވެސް ވިޔަފާރިވެރި އެތައް ހަރަކާތްތައް ފެނިގެންދާނެ އެވެ.