މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ބާއްވައިފި އެވެ.

މީރުމާ އިވެންޓް ހޯލުގައި ރޭ ބޭއްވި ޖަލްސާގައި ވަނީ އެމްޕީއެލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް އަދި އޮޑިޓް ކޮށްފައިވާ އެމްޕީއެލްގެ މާލީ ހިސާބުތައް ފާސްކޮށްފަ އެވެ.

އެމްޕީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިއްސާދާރުންނަށް ދޭ ޑިވިޑެންޓް އަދަދާއި މުވައްޒަފުންގެ ބޯނަސް ވެސް ރޭގެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެކުންފުނީގެ މިއަހަރުގެ އޮޑިޓުތައް ކުރުމަށް އޮޑިޓަރުން އައްޔަންކޮށް، އެކަމުގެ އުޖޫރަ ވެސް ވަނީ ކަނޑައަޅާފަ އެވެ.

އެމްޕީއެލްގެ ސީއޯއޯ ޝާހިދު އަލީ ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްޕީއެލް

ޖަލްސާގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ މިދިޔަ އަހަރު އެ ކުންފުނިން ކުރި މައިގަނޑު ބައެއް މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ. އަދި ކުރިމަގުގައި އެމްޕީއެލް އިން ކުރިއަށްގެންދަން ރާވާފައިވާ ތަރައްގީ ޕްލޭންތައް ވެސް ޝާހިދު ހިއްސާކުރެއްވި އެވެ.

އެމްޕީއެލް އޭޖީއެމްގައި ބޯޑު މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެމްޕީއެލް

ރޭގެ ޖަލްސާގައި އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޝަރީފާ އެކު ހުރިހާ ބޯޑު މެންބަރުން ބައިވެރިވެވަޑައިގަތެވެ.

ރޭގެ ޖަލްސާގައި އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެމްޕީއެލް

އެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރެވެ. އަދި އޮޑިޓާ ޖެނެރަލް އޮފީހުން ވެސް ބައިވެރިވި އެވެ.