މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 800،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 838،225 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 59.3 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައި ވަނީ 526،080 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ މާޗު މަހު އެވެ. އެ މަހުގައި ރާއްޖެއަށް 150،748 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މިމަހުގެ ފުރަތަމަ 6 ދުވަހު އެކަނި ވެސް ރާއްޖެއަށް 25،014 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

މިއަހަރުގެ މިހާތަނަށަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އަވައްޓެރި އިންޑިއާއިންނެވެ. އިންޑިއާއިން މިއަހަރުގެ މިހާތަނަށް 123،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަމުންދަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން މިހާތަނަށް 98،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ތިން ވަނައިގައި އުޅެނީ ރަޝިއާ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 800،00 އަށްވުރެ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާއިރު، ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 1.6 މިލިއަން ޓޫރިސްޓުންނެވެ.