ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެމުން އަންނަނިކޮށް ސަރުކާރަށް ނަގާ ޓެކްސް ބޮޑުކުރުން މިވަގުތު ރަނގަޅު ނޫން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

ސަރުކާރުން މިދިޔަ މަހު ވަނީ ޓީޖެސްޓީ 12 އިން 16 ޕަސަންޓަށް އަދި ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ.

ޓެކްސް ބޮޑުކުރުމާ ގުޅޭ ގޮތުން ސަރުކާރުން އެދިގެން އައިއެމްއެފްއިން ހަދާފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވަނީ މިވަގުތު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުން ރަނގަޅު ނޫން ކަމަށެވެ. އަދި މިހާރު ދުނިޔޭގައި އިންފްލޭޝަން ރޭޓް ބޮޑުވަމުން އަންނާތީ އާއި ކޮވިޑުގެ ބަލިމަޑުކަން އަދިވެސް ކުރިއަށް ދާތީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ފެށުން އެންމެ އަވަސް ވެގެން ވެސް 2024 އާ ހަމައަށް މަޑުޖައްސައިލަން އައިއެމްއެފްގެ ރިޕޯޓްގައި ސަރުކާރަށް ވަނީ ލަފާދީފަ އެވެ.

އައިއެމްއެފްގެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި މިވަގުތު ރާއްޖޭގައި ނަގާ ޓީޖީއެސްޓީ އާއި ޖީއެސްޓީ ރޭޓަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާ އަޅާބަލައި އިރު، ކުޑަ އަދަދެކެވެ.

އެހެންކަމުން މެދު ރާސްތާއެއްގައި ޖީއެސްޓީ އަށް ޕަސެންޓާއި 10 ޕަސެންޓަށް އަދި ޓީޖީއެސްޓީ 14 ޕަސެންޓާއި 15 ޕަސެންޓަށް ބޮޑު ކުރަން އައިއެމްއެފުން ލަފާދީފައެވެ. އަދި ޑިޖިޓަލް ހިދުމަތްތައް ފުޅާވަމުން އަންނަ މިންވަރަކުން އެ ދާއިރާއިން އިތުރަށް ޖީއެސްޓީ ނެގުމާއި މިހާރު ޖީއެސްޓީ ނުނަގާ ބާވަތްތައް މުރާޖައާކުރުމާއި ޖީއެސްޓީ ބޮޑުކުރުމުގެ ފަހު މަރުހަލާގައި ޓީޖީއެސްޓީ އާއި ޖީއެސްޓީ، އެއް ހަމައަކަށް ގެނައުން ފަދަ ލަފާތައް އައިއެމްއެފުން ދީފައިވެ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއުލާންކުރެއްވީ މި މަހުގެ ކުރީކޮޅު އެވެ. އެކަން އިއުލާން ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަނީ މާލީ އިދާރާތަކުގެ ލަފާގެ މަތިން ކަމަށެވެ. އަދި ބޮޑުވަމުން އަންނަ އިންފްލޭޝަން އާއި ބޮޑުވަމުން އަންނަ ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް މިވަގުތު ޓެކްސް ބޮޑުކުރަން ޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.