އިންޑިއާގެ މަގުބޫލު ޓްރެވެލް އެޖެންޓުންގެ ޓީމެއް އެމްއެމްޕީއާރުސީގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ ބުނިގޮތުގައި މި ދަތުރަކީ އިންޑިޔާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ދަތުރެކެވެ. މި ދަތުރު ކުރިއަށްދާނީ މިމަހުގެ 16 އިން 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެމްޕީއާރުސީން ބުނިގޮތުގައި އިންޑިއާއިން ރާއްޖެ އައި ޓްރެވެލް އެޖެންޓުންގެ ޓީމުގައި ހިމެނެނީ އައި އެމް ޓްރެވެލް އެޖެންޓް، މޭކްމައިޓްރިޕް، ނިވާލިންކް، އެސްޕެން ވެކޭޝަންސް، އަދި ހޮލިޑޭ ކާމާގެ މެންބަރުންނެވެ. މި ދަތުރުގައި ރާއްޖޭގެ މެހެމާންދާރީއާއި، ތަފާތު ތަޖުރިބާތަކާއި ހިދުމަތްތައް, އަދި ރާއްޖެއިން ލިބޭ ކެއުންތައް ތަޖުރިބާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ފެމިލިއަލައިޒޭޝަން ދަތުރުގެ ބޭނުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ގޮންޖެހުމަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ކުރިއެރުމާއި، މަގުބޫލުކަން އިތުރުކުރުމާއި ފަތުރުވެރިންނަށް ރާއްޖޭއިން ލިބޭ ތަފާތު ތަޖުރިބާތަކާ މެދު އިންޑިއާ މާކެޓުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ ފެމިލިއަރައިޒޭޝަން ދަތުރުތަކުން ހާސިލް ކުރަން ބޭނުންވާ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓްރެވަލް އޭޖެންޓުންނަށް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ. އަދި އެ ތަޖުރިބާތަކުގެ އަލީގައި ރާއްޖެއާ ބެހޭ ފުރިހަމަ މަޢުލޫމާތު އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ދިނުމަށާއި ރާއްޖޭގެ ޕްރޮޑަކްޓްތައް މާކެޓްކޮށް ވިއްކަން ފަސޭހަކޮށްދިނުމަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އިންޑިއާއިން ރާއްޖެ އައި ޓްރެވެލް އެޖެންޓުންގެ ޓީމު ރިސޯޓެއްގައި ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެމްއެމްޕީއާރުސީ

މި ދަތުރުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބުކިންތައް އިތުރުވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ. މި އަހަރު މިހާތަނަށް އެމްއެމްޕީއާރުސީއިން ވަނީ ޓޫހަބް އާއި އެކު ޑެސްޓިނޭޝަން އީ-ލާނިންގ ކެމްޕޭނެއް ބާއްވާ، އިންފްލުއެންސަރ ފެމިލިއަލައިޒޭޝަން ދަތުރަކާއި، ސެލެބްރިޓީ ފެމިލިއަލައިޒޭޝަން ދަތުރުތަކެއް ވެސް ބާއްވާފަ އެވެ.

އިންޑިއާ މާކެޓަށް އަމާޒުކޮށް އޯޓީއެމް، ސާޓޭ، އަދި ޓީޓީއެފްގައި ވެސް މި އަހަރުއެމްއެމްޕީއާރުސީން ވަނީ ބައިވެރިވެފަ އެވެ. އަދި ދިވެހިރާއްޖޭގެ ހާއްސަ ރޯޑްޝޯއެއްވެސް ވަނީ އިންޑިޔާގައި ބާއްވާފަ އެވެ. ތޯމަސް ކުކް، ޕިކްޔޯރޓްރެއިލް އަދި ވިސްޓާރާ އިންފްލައިޓް މެގަޒިނާއެކު ޖޮއިންޓް މާކެޓިން ކެމްޕޭންތައް މިހާރުވެސް އެމްއެމްޕީއާރުސީން ރިއަށްގެންދެ އެވެ. އަދި މި އަހަރުގެ ކުރިއަށް އޮތް ތަނުގައި މި މާކެޓަށް އަމާޒުކޮށްގެން އިތުރު ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެ އެވެ.

އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 123،687 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފަ އެވެ.