މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ތިން ބިލިއަން ރުފިޔާ އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރާ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖޫންގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ހިލޭ އެހީ އާއި އާމްދަނީ އާއެކު މަ ޖުމްލަ އާމްދަނީ ވަނީ 13.1 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މި އަހަރު އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެގޮތުން ޓެކްސްގެ ގޮތުގައި މިހާތަނަށް ނުވަ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ ހަތް ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން 3.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ނަމަވެސް މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރު ލިބުނު 418.1 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ދަށްވެފަ އެވެ. މި އަހަރު ހިލޭ އެހީއަށް ލިބުނީ 197.7 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ބަޖެޓުގައި ޖުމްލަ އާމްދަނީއަށް ލިބޭނެ ކަމަށް ޖަހާފައިވަނީ 24 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސްގެ ގޮތުގައި އާމްދަނީއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 15 ބިލިއަން ރުފިޔާ އެވެ.