ތިން އަތޮޅެއްގައި ބަހުގެ ހިދުމަތް ފެށުމަށްޓަކައި އެރަށްތަކަށް ބަސް ފޮނުވުމުގެ މަސައްކަތް އެމްޓީސީސީއިން ފަށައިފި އެވެ.

އެމްޓީސީސީން ބުނީ އައްޑު އާއި ފުވައްމުލަކު އަދި ލ. އަތޮޅުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ ބަސްތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ތިން އަތޮޅަށް ޖުމްލަ 24 ބަހެއް ފޮނުއްވުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އެގޮތުން އައްޑު އަށް ޖުމްލަ 12 ބަސް ފޮނުވަން ހަމަޖެހިފައިވާ އިރު، ފުވައްމުލަކަށް ފޮނުވާނީ ފަސް ބަހެވެ. އަދި ލ. އަތޮޅަށް ފޮނުވާނީ ހަތް ބަހެވެ.

މި ތިން ސަރަހައްދުގެ އިތުރުން މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ވަނީ މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް 36 ބަސް ގެނެސްފައެވެ. މާލޭގައި ދުއްވަން ގެނައި މިނީ ބަސްތަކަކީ ދިގުމިނުގައި 20 ފޫޓު ހުންނަ، 18-20 މީހުންގެ ޖާގައިގެ ތިމާވެއްޓާ ރަށްޓެހި އިލެކްޓްރިކް ބަސްތަކެކެވެ. އަދި މި މަހު ފަހުކޮޅު މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

އެމްޓީސީސީގެ ބަހުގެ ހިދުމަތަކީ ފެންވަރު ރަނގަޅު އެއްގަމު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލަން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ބައެކެވެ.

"އާރުޓީއެލް"ގެ ނަމުގައި އެމްޓީސީސީން ދެމުން އަންނަ ދަތުރުފަތުރުގެ މަޝްރޫއަށް 800 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އާރުޓީއެލްގެ ޙިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރުޓީއެލް ފެރީގެ ހިދުމަތް ދިނުމާއި އާރުޓީއެލް ބަހުގެ ހިދުމަތް ދިނުމެވެ. މިގޮތުން، އުތުރުގެ ތިން އަތޮޅުގައި މިހާރު ވަނީ އާރުޓީއެލް ފެރީގެ ޙިދުމަތް ދޭން ވަނީ ފަށައިފަ އެވެ.