އަންނަ އަހަރު ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމަށާއި ސަބްސިޑީސް ރީފޯމްކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފްއިން މަރުޙަބާ ކިޔައިފި އެވެ.

އައިއެމްއެފްގެ މިޝަނެއް މިދިޔަ ޖޫން މަހުގެ 21 އިން 29އަށް ރާއްޖެއަށް ކުރި ދަތުރަށްފަހު ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް-19 އަށްފަހު ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެ، ގައުމުގެ އިގްތިސޯދު ކުރިއަރަމުންދާ ކަމަށެވެ. އަދި އިގްތިސޯދު ރަނގަޅުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ދައުލަތުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކާއި، ރައްޔިތުންނާ ހަމައަށް ވެކްސިން ފޯރުކޮށްދިނުން އަވަސްކުރުންކަން ފާހަގަކޮށްފައިވެ އެވެ.

ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާ ފަތުރުވެރިން ރާއްޖެ އައުން މަދުވި ނަމަވެސް ޔޫރަޕުގެ އެހެން ގައުމުތަކުގެ ފަތުރުވެރިން އައުން އިތުރުވުމާ ގުޅިގެން ދަށްވި ބައި ފޫބެއްދިފައިވާ ކަމަށް އައިއެމްއެފުން ބުނެފައިވެ އެވެ. އަދި މިއާއެކު ރާއްޖޭގެ އިގްތިސުދު މިއަހަރު 8.7 ޕަސެންޓް ކުރިއަރާނެ ކަމަށް އައިއެމްއެފުން ލަފާކޮށްފައިވެ އެވެ.

ކެޕިޓަލް ޚަރަދު ބޮޑުވެ، ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވަމުންދާތީ އާއި ލޯނު އިންޓްރެސްޓަށް ކުރާ ޚަރަދު އިތުރުވަމުންދާތީ ރާއްޖޭގެ މާލީ ހާލަތާއި އެކްސްޓާނަލް ސެކްޓަ ވަލްނަރަބިލިޓީސް ބެލެންސް އޮފް ޕޭމަންޓް އަދި ރިޒާވާ ގުޅުންހުރި ރިސްކް ވަރަށް ބޮޑަށް ބޮޑުވެފައިވާކަން އައިއެމްއެފުން ވަނީ ފާހަގަކޮށްފަ އެވެ.

ކެޕިޓަލް ޚަރަދު ބޮޑުވިނަމަވެސް މިހާރު ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކީ، އެ މަޝްރޫއުކުގެ ސަބަބުން އިގްތިސޯދަށް އޭގެ އެދެވޭ ނަފާ ކުރާނެ، އަދި މެދުރާސްތާގައި އިގްތިސޯދީ ދުވެލި ކުރިއެރުމަށް އެހީތެރިވެދޭނެ މަޝްރޫއުތަކެއްކަން ސަރުކާރުން ފާހަގަކުރެ އެވެ. ސަބްސިޑީއަށް ކުރާ ޚަަރަދު ބޮޑުވެފައިވަނީ ސަރުކާރުން ދޭ ފިއުލް ސަބްސިޑީ އަދި އާސަންދަ ސްކީމަށް ކުރާ ހޭދަ އިތުރުވެފައި ވާތީ އެވެ. އެހެންވެ ސަރުކާރުން ސަބްސިޑީ ރީފޯމްކުރުމުގެ ގޮތުން، އެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަ އަހަރު ގެނައުމަށް ވަނީ ނިންމަވާފަ އެވެ. މި ބަދަލުތަކަށް އައިއެމްއެފުން ވަނީ މަރުޙަބާ ކިޔާފަ އެވެ.

ސަރުކާރު ވަނީ 2023ވަނަ އަހަރު ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށާއި، ސަބްސިޑީސް ރީފޯމްކުރުމަށް ނިންމި ނިންމުމަކީ ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްކަން އައިއެމްއެފުން ފާހަގަކޮށްފައިވެ އެވެ.

"ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާއިން 12 ޕަސެންޓާއި 16 ޕަސެންޓަށް ބޮޑު ކުރުމަށާއި އާންމުންގެ އަތުން ޖީއެސްޓީ ނެގުން ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑު ކުރުމަށް މަރުހަބާ ކިޔަން. އެއާ އެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަރުކާރަށް ބަރޯސާވާ ވަރު ކުޑަކުރުން ވަރަށް މުހިއްމު،" ބަޔާނުގައި ބުނެފައި ވެ އެވެ.

މި ބަޔާނުގައި އެކްސްޓަނަލް ސެކްޓާގެ ވަލްނަރަބިލިޓީސް އިތުރުވަމުންދާކަމުގައި ވީނަމަވެސް، ކޮވިޑަށްފަހު އިގްތިސޯދު ރަނގަޅުވުމާއި ގުޅިގެން ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ކޮވިޑުގެ އެންމެ ގޯސް ހާލަތުގައި ހުރި މިންވަރާ އަޅާބަލާއިރު ދަށްވެފައިވާކަން އައިއެމްއެފުން ފާހަގަކޮށްފައިވެ އެވެ. އަދި ޑޮލަރު ލިބުން ދަތިވެ، ޕެރެރަލް މާކެޓުގައި ޑޮލަރުގެ އަގު އުފުލުމާއި، ތެލާއި ކާބޯތަކެއްޗަށް ކުރަންޖެހޭ ޚަރަދު އިތުރުވުމާ ގުޅިގެން ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ދަށްވަމުންދާ ކަން އައިއެމްއެފުން ފާހަގަކުރެ އެވެ. ނަމަވެސް ރިސްކުތަކަކީ ސަރުކާރުން ހުށަހަޅާފައިވާ ފިސްކަލް ސިޔާސަތުތައް ތަންފީޒުކުރުމުން، އެކަންކަމުން އަރައިގަނެވޭނެ މުހިންމު ސިޔާސަތުތަކެއްކަން އައިއެމްއެފުން ބުނެ އެވެ.

ދުނިޔޭގެ ބާޒާރުން މާލީ އެހީތެރިކަން ހޯދުމަށް ދަތިވެ، ފައިނޭންސް ކޮސްޓް ބޮޑުވެފައިވުމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް އައިއެމްއެފުން ފާހަގަކުރެ އެވެ.