ޖަރުމަނުގެ މަޝްހޫރު މަޖައްލާއަކުން ހޮވާ "ބެސްޓް ލަގްޒަރީ ޑެސްޓިނޭޝަން އެވޯޑް" މިފަހަރު ވެސް ރާއްޖެއަށް ލިބިއްޖެ އެވެ.

ޖަރުމަނުގެ ކޮނޮސުއާ ސާކަލްއިން ހޮވޭ "ބެސްޓް ލަގްޒަރީ ޑެސްޓިނޭޝަން އޮފް ދި އިޔާ" އެވޯޑް ރާއްޖެއަށް ލިބުނު މިއީ ދެ ވަނަ ފަހަރެވެ.

ހަމައެކަނި ޖަރުމަނު ބަހުން ހަބަރުތައް ނެރޭ އެގައުމުގެ ކޮނޮސުއާ ސާކަލްއިން ހޮވާ އެހެން އެވޯޑުތަކެއްވެސް ރާއްޖެއަށް ވަނީ ލިބިގެން ގޮސްފަ އެވެ.

ކޮނޮސުއާ ސާކަލަކީ ލަގްޒަރީ ހޮޓެލްތަކާއި، ޑެސްޓިނޭޝަންތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި ކޮންޓެންޓް ހިމަނައިގެން ޖަރުމަނުވިލާތާއި އޮސްޓްރިޔާ އަދި ސްވިޒަލޭންޑްގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ޝާއިއުކުރާ މަޖައްލާއެކެވެ.

އެ މަޖައްލާ އިން މިހާރު ވެސް ރާއްޖެ އިޝްތިހާރުކުރުމުގެ ހަމަސް ދުވަހުގެ ކެމްޕެއިނެއް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ހާމަ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ގާތްގަނޑަކަށް މިލިއަނަކާއި ގާތްކުރާ ވަރަށް ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. އޭގެ ތެރެއިން 67608 ފަތުރުވެރިންނަކީ ޖަރުމަނުވިލާގެ ފަތުރުވެރިންނެވެ.