ޔުނިވާސަލް އެންޓަޕްރައިޒަސް އިން މިދިޔަ މަހު ވިއްކާލި ދެ ރަށް ގަތީ ޓޫރިޒަމް ދާއިރާގައި އިންވެސްޓް ކުރާ އެމެރިކާގެ ޕްރައިވެޓް އިކުއިޓީ ފާމް ކޭއެސްއެލް ކެޕިޓަލް އިން ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޔުނިވާސަލް އިން އެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްއަށް ކުއްޔަށްދީގެން ހިންގާ ދެ ރަށް ގަތް އަގެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.

މި ދެ ރަށް ވިއްކާލުމުގައި ޔުނިވާސަލްއަށް އެހީތެރިވި އިންވެސްޓްމަންޓް އެޑްވައިޒަރު، ޖޭއެލްއެލް ކުންފުނިން ވަނީ އެ ދެ ރަށް ބޭރުގެ އަމިއްލަ އިންވެސްޓަރަކަށް ވިއްކާލާފައިވާކަން މިދިޔަ މަހުގެ ފަހުކޮޅު ހާމަކޮށްފަ އެވެ.

ކޭއެސްއެލް ކެޕިޓަލްގެ ސިންގަޕޫރު އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ދެ ރަށް ގަތީ ކޭއެސްއެލްއާ ގުޅުން އޮތް ކުންފުންޏަކުންނެވެ.

"ރާއްޖެ އަކީ ދުނިޔޭގެ ޓޫރިޒަމް މާކެޓްގައި އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ އެއް މަންޒިލް. މި ދެ ރިސޯޓަކީ ރާއްޖޭގައި ހިންގާ އެންމެ މަގުބޫލް ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ދެ ރިސޯޓް. ހަމަ އެއާ އެކު، މެރިއޮޓުން އެ ދެ ރިސޯޓް ހިންގުމަކީ ވެސް ލިބޭ އިތުރު ފައިދާއެއް،" ކޭއެސްއެލް އިން އޭޝިއާ ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ އިންވެސްޓްމަންޓް ޑިރެކްޓަރު ސިދާންތު ޖުންޖުވާލާ ވިދާޅުވި އެވެ.

ކޭއެސްއެލް އިން ބުނި ގޮތުގައި، އެ ދެ ރަށް ދެން ވެސް ހިންގާނީ މެރިއޮޓްގެ މެނޭޖްމަންޓުގެ ދަށުންނެވެ.

ޑަބްލިއު މޯލްޑިވްސްގައި އޯވާ ވޯޓާ ނުވަތަ ބީޗް ބަންގަލޯ އާއެކު ޖުމްލަ 77 ރޫމް ހުންނައިރު އެ ރޫމްތަކުގައި ޕްރައިވެޓް ޕޫލްތައް ވެސް ހުރެ އެވެ. 176 ކޮޓަރީގެ ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާއަކީ ފަސް ތަރީގެ ފެމިލީ ރިސޯޓެކެވެ.

މީގެ ކުރިން، 2019ގައި ކޭއެސްއެލް ކެޕިޓަލް އިން ވަނީ، ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ސޮނޭވާ ފުށި އަދި ސޮނޭވާ ޖާނީ ހިންގާ ސޮނޭވާ ގްރޫޕުގެ މައިނޮރިޓީ ޝެއާ ވެސް ގަނެފަ އެވެ. އަދި ގދ. އަތޮޅުގައި އޮންނަ ކޮނޮއްޓާ ރިސޯޓް ވެސް ގަތީ ކޭއެސްއެލް އިންނެވެ.

2005 ވަނަ އަހަރު އުފެދުނު ކުންފުނިން މިހާތަނަށް 13 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ހޯދާފައިވެ އެވެ.