ރާއްޖެއަށް ބައިނަލްއަގްވާމީ 25 އެއާލައިނަކުން މިހާރު ދަތުރުކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބައިނަލްއަގްވާމީ 25 އެއާލައިންއަކުން ދަތުރުކުރަމުންދާއިރު، މީގެ ތެރޭގައި ޔޫރަޕް، މެދުއިރުމަތި، އޭޝިއާ އަދި އެހެން ސަރަހައްދުގެ އެއާލައިންތައް ހިމެނެ އެވެ.

ޔޫރަޕްގެ ހަތް އެއާލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރާއިރު އޭގެ ތެރެއިން ފަސް އެއާލައިންއަކީ ޝެޑިއުލް ދަތުރުކުރާ އެއާލައިންތަކެވެ. އަދި ޗާޓަރު ދެ އެއާލައިން ރާއްޖެއަށް ދަތުރުކުރެ އެވެ. ޝެޑިއުލް ދަތުރުކުރަމުން އަންނަނީ އެއިރޯ ފްލޮޓް، އެޑެލްވެއިސް، ނިއޯސް، ޔޫރޯވިން ޑިސްކަވާ، ޓާކިސް އެއާލައިނެވެ. އަދި ޗާޓަރު ދަތުރުތައް ކުރަނީ އެއާ އާސްތާނާ، ލޮޓް ޕޮލިޝް އެއާލައިނެވެ.

މެދުއިރުމައްޗަށް ބަލާލާލައިރު މި ސަރަހައްދުން ރާއްޖެއަށް ހަ އެއާލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. މިއީ މުޅިން ވެސް ޝެޑިއުލް ދަތުރުކުރާ އެއާލައިންތަކެވެ. އެއީ އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ފްލައި ދުބާއީ، ގަލްފް އެއާ، ގަތަރު އެއާވޭސް، ސައުދީ އަރަބިއަން އެއާވޭސް އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓެެއް ޖައްސަނީ.. ފޮޓޯ: ވެލާނާ އެއާޕޯޓް

އިންޑިއާއަށް ބަލާލާއިރު އެ ގައުމުގެ ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރެ އެވެ. އެއީ ޝެޑިއުލް ދެ އެއާލައިނަކާއި ޗާޓަރު އެއް އެއާލައިނެކެވެ. ޝެޑިއުލް ދަތުރުކުރަނީ އެއާ އިންޑިއާ އަދި އިންޑިގޯއެވެ. ޗާޓަރު ދަތުރުކުރަނީ އެއާ ވިސްތާރާ އެވެ.

އެލްއޯޓީޕީއެލް އެއާލައިންސްގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި. ފޮޓޯ: ވެލާނާ އެއާޕޯޓް

އެހެނިހެން ސަރަހައްދުތަކަށް ބަލާލާއިރު ދުނިޔޭގެ އެހެނިހެން ސަރަހައްދުތަކުން ރާއްޖެއަށް އަށް އެއާލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. އެއީ ޝެޑިއުލް ހަތް އެއާލައިނަކާއި ޗާޓަރު އެއް އެއާލައިނެކެވެ.

ޝެޑިއުލް ދަތުރުކުރާ އެއާލައިންތަކަކީ އެއާ އޭޝިއާ، އެއާ އޭޝިއާ ތައިލޭންޑް، އެއާ ސީޝެލްސް، ބެންކޮކް އެއާވޭސް، ސިންގަޕޯ އެއާލައިންސް އަދި ސްރީލަންކަން އެއާލައިންސް އެވެ. ޗާޓަރު ދަތުރުކުރާ އެއާލައިނަކީ ޔޫއެސް ބަންގްލާ އެއާލައިން އެވެ.

ކޮވިޑް19 އަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ބައިނަލްއަގްވާމީ ގިނަ އެއާލައިންތަކުން ރާއްޖެއަށް ދަތުރު ވަނީ ފަށާފަ އެވެ. އަދި މިހާރު ވެސް ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުރުކުރުމުގެ ޝައުގުވެރިކަން ދަނީ ފާޅުކުރަމުންނެވެ.