ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު އަދަދެއް އުފުލުގެ ޝަރަފް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ހޯދައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޮޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، މިދިޔަ މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވި ފަހުން ވޭތުވެދިޔަ އެއް މަސް ތެރޭގައި ރާއްޖެ އައީ ޖުމުލަ 5،177 ފަތުރުވެރިން ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފަ އެވެ.

ޓީއެމްއޭ އިން ބުނީ، އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއްގެ ފަތުރުވެރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެ ފަރާތްތަކުން ބުކިން ހަދާފައިވާ ރިސޯޓަކަށް އުފުލައިދީފައި ވަނީ އެ އެއާލައިންގެ ސީޕްލޭންތަކުގައި ކަމަށެވެ.

ޓީއެމްއޭގެ ސީޕްލޭނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: ޓީއެމްއޭ

ޓީއެމްއޭ އިން ބުނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މައިބަދައިގެ ގޮތުގައި އެ އެއާލައިން ސިފަކުރެވޭއިރު، މުޅި ސިނާއަތް ކުރިއަރުވައި އިތުރަށް ތަރައްގީކުރުމަށް އެ އެއާލައިނުން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ވަރަކަށް، އެ ފަތުރުވެރިންނަށް ބޭނުންވާ ޓްރާންސްފާގެ ހިދުމަތް، ރައްކާތެރިކަމާއި ފަސޭހަކަމާއިއެކު ދިނުމުގައި ދެމިއޮންނާނެ ކަމަށް ޓީއެމްއޭ އިން ބުންޏެވެ.

ޓީއެމްއޭ އިން ވަނީ، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނިއު ނޯމަލްގައި އަމަލުކުރުމަށް ހާއްސަ ގައިޑްލައިންތަކެއް ވެސް ކަނޑައަޅާފަ އެވެ. --އެމްބީއެސް