އަންނަ އަހަރު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމަށް އައިއެމްއެފާއި ވޯލްޑް ބޭންކުން މަރުހަބާ ކިޔުމުން އެނގެނީ ސަރުކާރުން އިގްތިސާދާ ގުޅޭ ގޮތުން އަޅާ ފިޔަވަޅުތަކަށް އެ އިދާރާތަކުން އޮތް އިތުބާރު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މާލީ ކަންކަމުގައި އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭ ގޮތުން ކުރެއްވި ޓުވީޓެއްގައި އަމިީރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ފިޔަވަޅުތަކަށް އައިއެމްއެފް އަދި ވޯލްޑް ބޭންކްއިން މަރުހަބާ ކިޔުމަކީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި މެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ. އަދި މިއީ ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި އަޅަން ގަސްތުކުރާ ފިޔަވަޅުތަކަށް ލިބުނު އިތުބާރެއް ކަމުގައިވެސް ފާހަގަކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ 2023-2025 ފިސްކަލް ސްޓްރެޓެޖީގައި ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އާމްދަނީ އިތުރުކުރުމަށާއި ޚަރަދު ކުރުމަށް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެކަށައެޅިފައިވާނެ ކަމަށް ވިދާޅުވި އެވެ.

"މި ފިޔަވަޅުތަކާ ގުޅޭ ގޮތުން ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކާ ހިއްސާކުރެވިފައިވާނެ. އައިއެމްއެފް އަދި ވޯލްޑް ބޭންކް އިންވެސް ފާހަގަކޮށްފައިވާ ފަދައިން އާމްދަނީ އިތުރުކުރުމަށް 2023 ވަނަ އަހަރު ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމާއި ޚަރަދުތައް ދެމެހެއްޓިނިވި މިންގަނޑެއްގައި ބެހެއްޓުމަށް ސަބްސިޑީތައް ދެވޭގޮތް މުރާޖައާކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިޤްތިސާދީ މިންގަނޑުތައް ރަނގަޅުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ސަރުކާރުން އިގްތިސޯދު އަދި ފިސްކަލް ކަންކަން މެނޭޖްކުރަމުންދަނީ ދުނިޔޭގެ މާލީ އިދާރާތަކުގެ މަޝްވަރާއާ ލަފާގެ މަތިން ކަމަށެވެ. މިގޮތުން ކޮވިޑް-19 އާއެކު ދިމާވި އިޤްތިސާދީ ކާރިސާ މެނޭޖްކުރުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާމެދު އެ ފަރާތްތަކުގެ ރުހުމާއި ތާއީދު ރާއްޖެއަށް ލިބިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މުސްތަގުބަލުގައި ވެސް، ރާއްޖެއިން އިގްތިސޯދީ އަދި ފިސްކަލް ކަންކަމުގައި ފިޔަވަޅު އަޅަމުންދާނީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމާއި، ރައްޔިތުންގެ ފާގަތިކަމާއި، މާލީ ދެމެހެއްޓެނިވިކަން އިސްކޮށްގެން، ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކުގެ ލަފާއާއެކުގައި ކަމުގައި ދަންނަވަން،" އަމީރު ވިދާޅުވި އެވެ.