ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރަން ބޭނުން ނަމަ، ޓޫރިޒަމް އިންޑަސްޓްރީން ނަގާ ޓީ ޖީއެސްޓީ ބޮޑުކުރަން މިއީ ރަނގަޅު ވަގުތެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ބުނެފި އެވެ.

ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާއިން ނަގާ 12 ޕަސެންޓްގެ ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރުމަށާއި އާންމުންގެ އަތުން ނަގާ ހަ ޕަސެންޓް ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުކުރަން ނިންމައިފަ އެވެ. އަދި ސަރުކާރުން އަންނަނީ ކޮވިޑާ ހެދި އިގްތިސާދަށް ލިބުނު ގެއްލުމުން އަރައިގަތުމަށް، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިއަހަރު ވެސް 1.6 މިލިއަނަށް އިތުރުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

އެކަމާ ބެހޭ ގޮތުން "ހުރިހާ"އާ ވާހަކަދައްކަވަމުން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު މިއަދު ވިދާޅުވީ ޓީ ޖީއެސްޓީ މިވަގުތު ބޮޑުކޮށްފި ނަމަ އޭގެ ސަބަބުން ޓޫރިޒަމުން ލިބޭ އާމްދަނީއަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ކޮވިޑަށް ދުނިޔެ ހުޅުވެމުންދާ ވަގުތެއްގައި ޓެކްސްތައް ބޮޑުކޮށްފި ނަމަ ޓޫރިޒަމުން ލިބޭ އާމްދަނީ ގޯސްވެދާނެ. މިދިޔަ ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެން އެކަނި ހުޅުވައިގެން ތިބި ނަމަވެސް މިހާރު ދުނިޔެ އެދަނީ ހުޅުވަމުން. މި ވަގުތު ކުއްލިއަކަށް ޓެކްސްތައް ބޮޑުކޮށްފި ނަމަ އަގު ބޮޑުކަމަށް ބުނެ އޭގެ ނޭދެވޭ އަސަރުކުރާނެ،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަހަކަށް އައިސް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރޭގައި ގިނަ އަދަދަކަށް ބޮޑެތި އާއިލާތައް ހިމެނޭ ކަމަށެވެ. އަދި ޓެކްސްތައް ބޮޑުކުރުމުން ފެމެލީތަކުން ކުރަން ޖެހޭ ހަރަދުތައް އިތުރުވެ، ދަތުރުކުރާ މީހުން މަދުވެދާނެ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މަޓީއިން މިދިޔަ މަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާގައި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ވިޔަފާރިވެރިޔާ އަހުމަދު ނަޒީރަށް ދިން ހަނދާނީ ފިލައާއެކު. ފޮޓޯ: ރައީސް އޮފީސް

"ޗުއްޓީ ހޭދަކުރަން ފެމެލީތައް ދަތުރުކުރުމަކީ އާ ޓްރެންޑެއް. އެގޮތަށް ދަތުރުކުރާއިރު އެންމެ ކުޑަ ކުއްޖާއަށް ވެސް ޓެކްސް ދައްކަން ޖެހޭ. ދެމަފިރިންގެ ބަދަލުގައި އާއިލާތައް އަންނައިރު، ހަރަދުތައް ބޮޑުވުމުން ފެމެލީތައް އައުން މަދުވެދާނެ،" އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ޓީ ޖީއެސްޓީ ބޮޑުކުރާ ނަމަ މިވަގުތު ޓޫރިޒަމަށް ކޮށްފާނެ ނޭދެވޭ އަސަރުތަކަށް ރިއާޔަށްކުރަންވާނެ ކަމަށެވެ. އަދި ޓެކްސްތައް ބޮޑުކުރާނެ ކަމަށް ދެ އަހަރެއްހާ ދުވަހު މަޑުކޮށްލުން ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ޓޫރިޒަމް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ބައްދަލުކުރިއިރު އަޅުގަނޑުމެން އޮންނާނީ ބުނެފައި މިއީ ޓެކްސްތައް ބޮޑުކުރަން ރަނގަޅު ވަގުތެއް ނޫން ކަމަށް. މިއީ އަޅުގަނޑުމެން ކަންބޮޑުވާ މައްސަލައެއް،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރުމުން ނުކުންނަ ނޭދެވޭ އަސަރު ވަރަށް ތަފުސީލްކޮށް ސަރުކާރަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހަފުތާގައި ވިދާޅުވީ އަންނަ އަހަރު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމަށް އައިއެމްއެފާއި ވޯލްޑް ބޭންކުން މަރުހަބާ ކިޔާ ކަމަށެވެ. އަދި އެކަމުން އެނގެނީ ސަރުކާރުން އިގްތިސާދާ ގުޅޭ ގޮތުން އަޅާ ފިޔަވަޅުތަކަށް އެ އިދާރާތަކުން އޮތް އިތުބާރު ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.