ޅ. ނައިފަރުގައި ގާއިމްކުރާ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި ޓެސްޓުކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ނައިފަރުގެ ފެނުގެ ނިޒާމްގެ ނުނިމިހުރި މަސައްކަތް ނިންމުމަށް ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ ނައިފަރުގެ ފެނުގެ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތް ކޮށްފައިވަނީ މިދިޔަ 19 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިމަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތާއި 2.99 ކިލޯ މީޓަރުގެ ދިގު ފެން ހޮޅިގެ މައިނެޓްވޯރކްގެ ހޮޅިވަޅުލުމުގެ އިތުރުން ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެން ރައްކާކުރުމަށް ބެހެއްޓިފައިވާ ތާންގީތަކުގެ ނުނިމިހުރި މަސައްކަތާއި، ބޯހޯލް އަދި ރިޖެކްޓް ލައިން ވެސް ވަނީ އަޅާފަ އެވެ. އަދި ނައިފަރުގައި ގާއިމްކުރި ފެނުގެ ނިޒާމުގެ ދަށުން އެ ރަށުގެ 1،510 ގެއަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީން އަންނަނީ ނައިފަރުގެ ނަރުދަމާ ނިޒާމްގެ ނުނިމިހުރި މަސައްކަތްތައް ވެސް ކުރަމުންނެވެ. އެގޮތުން ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އެންމެ ފަހުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެ އެވެ.

މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 24.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.