މިދިޔަ ތިން ދުވަސް ތެރޭގައި ރާއްޖެއަށް 13،000 އަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 960،075 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މިމަހުގެ ފުރަތަމަ ތިން ދުވަހު 13،303 އަށް ވުރެ ގިނަ ފަތުރުވެރިން އައި އިރު، މިދިޔަ މަހު ރާއްޖެއަށް 133،561 ފަތުރުވެރިން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 31.2 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 626،314 ފަތުރުވެރިންނެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 1،008،734 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މާޗް މަހުގަ އެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، އިންޑިއާއިންނެވެ. އެއީ ޒިޔާރަތްކުރި ފަތުރުވެރިންގެ 14.4 އިންސައްތައެވެ. 11.6 އިންސައްތައާއެކު ދެވަނާގައި އޮތީ އިނގިރޭސިވިލާތެވެ. އަދި ތިން ވަނާގައި އޮތް ރަޝިއާ ހިއްސާކުރަނީ 10.8 އިންސައްތަ އެވެ. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓުގައި ދެން ހިމެނެނީ ޖަރުމަން، އިޓަލީ، އެމެރިކާ، ފްރާންސްގެ އިތުރުން ސައުދީ އަރަބިއްޔާ، ސްޕެއިން އަދި ސްވިޒަލޭންޑެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 4،649 ފަތުރުވެރިން އާދެ އެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެ އެވެ.

ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފަ އެވެ.