އިންޑިއާގެ އަންދްރާ އާއި ހައިދްރައާބާދުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެއް ކަމަށްވާ "ނާގަސް"ގެ ރެސްޓޯރެންޓެއް ފުޑް ކޯޓުގައި ހުޅުވައިފި އެވެ.

ހާބަރު ފުޑްކޯޓް 17 ވަނަ ޔުނިޓްގައި "ނާގަސް އެކްސްޕްރެސް" ހުޅުވައިދެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ފްޑްކޯޓުގައި ހުޅުވި ރެސްޓޯރެންޓާ ބެހޭ ގޮތުން ގްރީން ގްރޯ ފުޑްސްއިން ބުނީ އިންޑިއާގެ ތަފާތު ކެއުންތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިއީ 50 މީހުންގެ ޖާގައިގެ ރެސްޓޯރެންޓް ކަމަށާއި މި ތަނުން ވެސް ހުޅުމާލޭގައި ހުޅުވި ރެސްޓޯރެންޓުން ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބޭނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"ފުޑްކޯޓްގައި ހުންނަ ރެސްޓޯރެންޓްތަކުގައި އާންމުކޮށް މި ހުންނަނީ ބުފޭ. އެހެން ނަމަވެސް މިތާނގައި ބުފޭއެއް ނުހަދާނެ. ކަސްޓަމަރަކު ބޭނުންވާ އެއްޗެއް އޯޑަކުރުމުން ހަތް މިނެޓާއި ދިހަ މިނެޓް ތެރޭގައި ސާވްކުރެވިގެންދާނެ،" އޮފިޝަލު ވިދާޅުވި އެވެ.

މި ރެސްޓޯރެންޓާ އެކު "ނާގަސް"ގެ ތިން ރެސްޓޯރެންޓެއް ވަނީ ހުޅުވައިފަ އެވެ.

"ނާގަސް" އަކީ އިންޑިއާގެ މަގުބޫލް ރެސްޓޯރެންޓް ޗެއިނެކެވެ. އިންޑިއާގެ އެކި ސަރަހައްދުތަކުގައި ނަގާސްގެ 42 ރެސްޓޯރެންޓް ހިންގަ އެވެ.

އެންމެ ފުރަތަމަ ނަގާސްގެ އައުޓްލެޓެއް ހުޅުވާފައިވަނީ އިންޑިއާގެ ބެންގަލޫރުގައި 2009 ވަނަ އަހަރު އެވެ.