ރާއްޖޭގައި މަހަކު އެންމެ ދަށްވެގެން 25،000 ރުފިޔާ ލިބޭ މީހުންގެ އަތުންވެސް އިންކަމް ޓެކްސް ނަގަން ވޯލްޑް ބޭންކުން ލަފާދީފި އެވެ.

ވޯލްޑް ބޭންކުން މިގޮތަށް ލަފާ ދީފައިވަނީ ސަރުކާރުން ހަރަދުތައް ކުރާ ގޮތް ދިރާސާކުރުމަށް ފަހު ވޯލްޑް ބޭންކުން މިއަދު ނެރުނު ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއީއާރު) ރިޕޯޓްގަ އެވެ.

އެރިޕޯޓްގައި ވާގޮތުން އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްއިން މިހާރު އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ ޓެކްސް ނަގާ ބްރެކެޓްތައް މިހާރަށް ވުރެ ދަށްކުރަން ޖެހެ އެވެ. މިހާރު އިންކަމް ޓެކްސް ނަގާ އާމްދަނީގެ ބްރެކެޓްތައް މާ މަތިވުމުގެ ސަބަބުން އެ ޓެކްސް އިން އެކަށީގެންވާ އާމްދަނީއެއް ނުހޯދެ އެވެ.

އެހެންވުމުގެ ސަބަބުން މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނުނެގޭ ކަމަށާއި އިންކަމްސް ޓެކްސް ނެގޭ ވަރު މަހަކު 60،000ރ. އިން މަހަކު 25،000ރ. އަށް ދަށް ކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

މިވަގުތު ދުނިޔޭގެ އިގްތިސާދުތަކުގެ ހާލަތު ހުރި ގޮތާއި ރާއްޖޭގެ ދަރަނި އުފެއްދުންތެރިކަމަށް ވުރެ އެތައް ގުނައެއް މަތީގައި ހުރި ކަމަށާއި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ރާއްޖޭގެ އެތެރެއިން ފައިސާ ހޯދުމުގެ މުހިންމުކަން ރާއްޖެއަށް ވަނީ ބޮޑުވެފައި ކަން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރަށް، ދައުލަތުގެ އާމްދަނީގެ ވަރަށް ބޮޑު ބައެއް ޓޫރިޒަމަށް ބަރޯސާވެފައި ވުމުން، ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުމެއްގެ އަސަރު ދައުލަތުގެ އާމްދަނީއަށް ކުރުމުގެ އަސަރު ބޮޑު ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.