އަންނަ އޮކްޓޯބަރު މަހުން ފެށިގެން ސްރީލަންކަން އެއާލައިންސްއިން އައްޑުއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފި އެވެ.

ކޮވިޑާ ގުޅިގެން ސްރީލަންކަން އެއާލައިންސްއިން އައްޑޫއަށް ކުރަމުން ދިޔަ ދަތުރުތައް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު އަލުން ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މިހާރު ސްރީލަންކަން އެއާލައިން އައްޑުއަށް ކުރަނީ ހަފްތާއަކު ދެ ދަތުރެވެ.

ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް، އޭސް އޭވިއޭޝަންގެ އެމްޑީ މުހައްމަދު ފިރާގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެން ފެށިގެން ސްރީލަންކަން އެއާލައިންސްއިން ހަފްތާއަކު ތިން ދަތުރު އައްޑޫއަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފެށީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

އޭރު އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލައިޓުތަކަށް ކަނެކްޝަން ނުލިބުމެވެ. އޭގެ ސަބަބުން އެކަށީގެންވާ ޕެސެންޖާ މޫވްމެންޓެއް ނާންނަ ކަމަށް އޭރު އޭސް އެވިއޭޝަނުން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް މަންޓާ އެއާއިން ދެކުނުގެ އަތޮޅުތަކާއި މާލެއަށް ކަނެކްޝަން ފޯރުކޮށްދޭން ފަށާފައިވުމާއެކު ސްރީލަންކަންގެ ދަތުރުތަކަށް މިހާރު ލިބެމުންދާ ތަރުހީބު ބޮޑުކަމަށް އޭސް އެވިއޭޝަނުން ފާހަގަކުރެ އެވެ.