ޓޫރިސްޓު ފެސިލިޓީތަކަށް ދޫކޮށްފައިވާ ބިމުގެ ކުލިން ނަގާ ޖޫރިމަނާ ކުޑަ ކުރުމާ ގުޅިގެން، ރިސޯޓަކުން މީރާއަށް ދައްކާފައިވާ ޖޫރިމަނާ އިން 1.8 މިލިއަން ޑޮލަރު އަނބުރާ އެ ރިސޯޓަށް ދީފި އެވެ.

މިއީ 2020 ވަނަ އަހަރު ރިސޯޓާއި، ހޮޓަލާއި، ގެސްޓްހައުސް ހަދަން ކުއްޔަށް ދޭ ރަށްރަށާއި ބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްގެން ކުރާ ކަމެކެވެ. ރައީސް އޮޮފީހުގެ އިކޮނޮމިކް ކައުންސިލުން ވަނީ ޖޫރިމަނާ ކުޑަ ކުރަން 2019 ވަނަ އަހަރު ނިންމައިފަ އެވެ. އެ ބަދަލުގައިވާ ގޮތުން ކުލި ދައްކަން ޖެހޭ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ފައިސާ ދައްކާ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނީ ކުލީގެ 0.0493 ޕަސެންޓެވެ. ކުރިން ހަމަޖެހިފައި ވަނީ ކޮންމެ ދުވަހަކަށް ކުލީގެ 0.5 ޕަސެންޓް، ޖޫރިމަނާއަށް އަރާ ގޮތަށެވެ.

މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ އުސޫލަށް އަމަލު ކުރަމުން އަންނައިރު، އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

މިކަމަކީ ވަކި ރިސޯޓުތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށް އިދިކޮޅު ބައެއް މަޖިލިސް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

މިހާތަނަށް ޖޫރިމަނާގެ ފައިސާ އަނބުރާ ދެއްކީ އެންމެ ރިސޯޓަކަށް ކަމަށް މީރާ އިން ބުނެ އެވެ.

ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތަކުން ސަރުކާރަށް ކުލި ދައްކަމުން އަންނަނީ ކޮންމެ އަހަރެއްގެ ކުލި ހަތަރު ކުއާޓަރަށް ބަހާލައިގެންނެވެ. ކުލި ދައްކަން ޖެހޭ މުއްދަތު ކޮންމެ ކުއާޓަރެއްގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަވާނެ އެވެ. އޭގެފަހުން ކުލި ނުދައްކާ ކޮންމެ ދުވަހަކަށް ޖޫރިމަނާ އަރާނެ އެވެ.