ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކުރި މަސައްކަތުން 478.9 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުއާޓަރުގައި 478،961،589 ރުފިޔާ ވަނީ ހޯދާފަ އެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާހުރި ފައިސާތައް ހޯދާފައިވާގޮތުގެ މައުލޫމާތު ވެސް އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ. އެގޮތުން ޑިއުޒް ކްލިއަރަންސް މެދުވެރިކޮށް 222 މިލިއަން ރުފިޔާ ރިމައިންޑާ ކޯލްސް އަދި އީމެއިލްތައް ކޮށްގެން 30 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ބުނެ އެވެ. އަދި ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން 497،810 ރުފިޔާ ހޯދި ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

ދެވަނަ ކުއާޓަރގެ ތެރޭގައި ޓެކްސް ބަޔާން ހުށަހަޅާފައި ނުވާތީ 774 ފަރާތަކަށާއި، ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 739 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ވެސް ހަވާލުކޮށްފައިވާ ކަމަށް މީރާއިން ބުނެ އެވެ.

އެ އިދާރާއިން ބުނީ ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 96 ފަރާތަކަށް ހަމަޖައްސާދީފައިވާ ކަމަށް މީރާގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައިވެ އެވެ.

މީރާއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ނުލިބި ހުރި ފައިސާތަކުގެ ތަފްސީލް ވެސް ވަނީ ކުއާޓަލީ ރިޕޯޓުގައި ހިމަނާފަ އެވެ. އެގޮތުން ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ، 2.8 ބިލިއަން ރުފިޔާއާއި އޭގެ ޖޫރިމަނާއަށް އަރާފައިވާ 2.3 ބިލިއަން ރުފިޔާއާއެކު ޖުމްލަ 5.1 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް މިރިޕޯޓުގައިވެ އެވެ. އަދި ޓެކްސް ނޫން އާމްދަނީން ނުލިބި 3.1 ބިލިއަން ރުފިޔާ ހުރި އިރު، ޖޫރިމަނާގެ ފައިސާއަށް 6.7 ބިލިއަން އަރާފައިވެ އެވެ. އަދި މިއާއެކު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާ ކަމަށް ވެސް މީރާއިން ބުނެފައިވެ އެވެ.

ކޯޓުމެދުވެރިކޮށް ފައިސާ ހޯދުމަށް މީރާއިން ކުރަމުންދާ މަސައްކަތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހަތް މައްސަލަ ވަނީ މީރާއާ އެއްކޮޅަށް ނިމިފައިވެ އެވެ. އެ މުއްދަތުގައި 108 މައްސަލައެއް މީރާއިން ސިވިލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. މީރާއާ ދެކޮޅަށް ތިން މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ހަތަރު މައްސަލަ ވަނީ މީރާއާ ދެކޮޅަށް ނިމިފަ އެވެ.