ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަ ސިމިއުލޭޓަ ހިމެނޭ ގޮތަށް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން އޭވިއޭޝަން އެކަޑަމީއެއް އިއްޔެ އިފްތިތާހްކޮށްފި އެވެ.

ހއ. ހޯރަފުށީ އެއާޕޯޓުގައި ގާއިމްކުރި މި އެކަޑަމީގެ ފަޔާ ޓްރެއިނިން ހިންގުމުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ފަޔަ ސިމިއުލޭޓަ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވީ، އާރުއޭސީއެލް އިން ބުނި ގޮތުގައި، މި ފަހުން އަވަހާރަވި އެ ކުންފުނީގެ ކުރީގެ ފަޔަ އެންޑް ސޭފްޓީ ޑިރެކްޓަރު އަހްމަދު ފަޔާޒެވެ.

މި އެކަޑަމީ ހަދާފައި ވަނީ ހޯރަފުށީ އެއާޕޯޓްގެ އެއް ފަޅީގަ އެވެ.

މި ފަޔަ ސިމިއުލޭޓަ އުފެއްދުމުގެ އަމަލީ މަސައްކަތް ފެށީ، ފަޔާޒްގެ ސީދާ ބެއްލެވުމުގެ ދަށުން އޮގަސްޓް 2021ގައި މި މަޝްރޫއު ފެށުމުގައި ފަޔާޒު ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، ކުންފުނީގެ ބޯޑުން ނިންމައިގެން ފަޔަ ސިމިއުލޭޓައަށް ދީފައި ވަނީ "އަހްމަދު ފަޔާޒް ފަޔަ ސިމިއުލޭޓަ"ގެ ނަމެވެ. ރާއްޖޭގެ އެންމެ ކުޅަދާނަ ފަޔާ ފައިޓަރު ފަޔަރު ފަޔާ ނިޔާވީ، އެ ފަޔާ ސިމިއުލޭޓަރުގެ މަސައްކަތުގައި އެ ރަށުގައި ހުންނަވަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 8 ގަ އެވެ. އޭނާގެ އުންމީދަކަށްވީ ރާއްޖޭގައި ފުރަތަމަ އޮޓަމެޓިކް ފަޔަ ސިމިއުލޭޓަރާ އެކު އެކަޑަމީއެއް ހުޅުވުމެވެ.

ރާއްޖޭގައި އަލިފާން ނިއްވުމުގެ ތަމްރީނުތައް މީގެ ކުރިން ހަދަމުން އަންނަނީ ކޮންޓެއިނަރު ފަދަ ތަކެތީގެ ތެރޭގައި ރޯކޮށްގެންނެވެ. ނަމަވެސް، ހޯރަފުށީގައި އަލަށް އެޅި ސިމިއުލޭޓަރަކީ މަތިންދާ ބޯޓެއްގެ އަސްލު ތައްގަނޑަށް ހަދާފައިވާ، ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ތަމްރީނު ހޯދާ ދަރިވަރުންނަށް ހަގީގަތާ އެންމެ ގާތްކުރާ ގޮތަށް ތަޖުރިބާ ކުރެވޭނެ ސިމިއުލޭޓަރެކެވެ.

އާރުއޭސީއެލްގެ ޓްރެއިނިން އެކެޑަމީ އަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއް ގޮތަށް އިންހައުސް އަދި ރާއްޖޭގެ އެކިއެކި މުއައްސަސާތަކަށް، އޭވިއޭޝަންގެ ދާއިރާ އިން ބޭނުންވާ، ސިވިލް އޭވިއޭޝަނުން ހުއްދަ ދީފައިވާ ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިންގޭނެ ފެންވަރުގެ އެކަޑަމީއެކެވެ. މިގޮތުން މި އެކަޑަމީގައި ސިވިލް އޭވިއޭޝަންގެ ހުއްދަ ލިބިފައިވާ ގާބިލު އަދި ތަޖުރިބާހުރި 20 ޓްރޭނަރުން މަސައްކަތް ކުރާނެ މި އެކަޑަމީގެ މައިގަނޑު މަގްސަދަކީ މުވައްޒަފުންނާއި އޭވިއޭޝަންގެ އެކިއެކި ދާއިރާތަކުން ގާބިލު އަދި ހަރުދަނާ ބަޔަކު ރާއްޖޭގައި އުފެއްދުން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާރުއޭސީއެލް އިން ބުނީ މި އެކަޑަމީގައި އެކިއެކި ފެންވަރުގެ ފަޔާ ޓްރެއިނިންގެ އިތުރުން އޭރޯޑްރޯމް އޮޕަރޭޝަންގެ އެކިއެކި ތަމްރީނުތައް ހިންގާނެ ކަމަށެވެ.

ފަޔަ ސިމިއުލޭޓަ އިން ފަޔަ ފައިޓަރުންނަށް ނުވަތަ ދަރިވަރުންނަށް އެހީތެރިވެދޭނީ، އަލިފާން ފެތުރޭ ބާރުމިނާއި ފެތުރޭ ސަރަހައްދުގެ ބޮޑު މިނަށް ބަލައި އަނދަމުންދާ ޖާގައިގެ ހާލަތަށް އަސަރުކުރާ ފިނިހޫނުމިން ފަދަ އަލިފާނުގެ އެކިއެކި ކަންކަން ވަޒަން ކުރުމެވެ. އެގޮތުން ޖުމްލަ 23 ދަރިވަރުންނާ އެކު މިދިޔަ މަހުގެ 26ގައި ބޭސިކް ފަޔަމަން ކޯހުގެ ތަމްރީނު ވަނީ ފަށާފައި ކައިރި މުސްތަގުބަލެއްގައި މި ދާއިރާ އިން ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް އެއާކްރާފްޓް ރެސްކިއު އެންޑް ފަޔަ ފައިޓިން (އޭއާރުއެފްއެފް) އާއި އިމަޖެންސީ މެޑިކަލް ޓްރެއިނިން (އީއެމްޓީ)ގެ ދާއިރާ އިން ތަމްރީނުތައް ފަށާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.