މާލޭގައި މިނީ ބަހުގެ ޚިދުމަތް އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނިން މިއަދު ބުނީ މާލޭގައި ވެސް ފުރަތަމަ ދެ ހަފްތާގައި ކުރިއަށްދާނީ ޓެސްޓް ދަތުރުތަކެވެ. އަދި މި ދަތުރުތަކަށް އެއްވެސް ފީ އެއް ނުނަގާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މިނީ ބަހުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ ދަތުރަކަށް ހަތް ރުފިޔާ އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ނަމުގައި ކުރިޔަށް ގެންދާ ދަތުރުފަތުރުގެ ނިޒާމްގެ ދަށުން ރާއްޖޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް އެމްޓީސީސީން ގެނައި 41 ބަހުގެ ތެރެއިން، 18 މިނީ ބަސް ބޭނުންކުރާނީ މާލޭގަ އެވެ. މި ބަސްތައް ޑިޒައިންކޮށްފައި ވަނީ މާލޭގެ ހަނި މަގުތަކުގައި ދުއްވޭ ގޮތަށެވެ.

މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. 18 ބަހުގެ ތެރެއިން 8 ބަހަކީ، ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ ބަސްތަކެކެވެ. ބަހުގެ ޖާގައަކީ 20 ނަމަވެސް، ކޮންމެ ބަހެއްގައި ކޮޅަށް ތިބެވޭގޮތަށް އިތުރަށް 10 ހޭންޑަލް ހަރުކޮށްފައި ހުރެ އެވެ.

އެމްޓީސީސީން ބުނިގޮތުގައި ބަސް ދަތުރުތަކުގައި ސްކޫލް ކުދިންނާ 65 އަހަރުން މަތީގެ މީހުން، ތިން އަހަރުން ދަށުގެ ކުދިން އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރުކުރެވޭނެ އެވެ.

ބަސް ދަތުރު މައިިގަނޑު ތިން ރޫޓަކުން ބާއްވާނެ އެވެ. އެއީ ސޯސަން ރޫޓް، އަމީނީ ރޫޓް އަދި އޯކިޑް ރޫޓް އެވެ. ސޯސަން ރޫޓްގައި 8 ސަރަހައްދަކަށް ބަސް މަޑުކުރާނެ އެވެ. އަމީނީ ރޫޓް އަދި އޯކިޑް ރޫޓްގައި 18 ސަރަހައްދަކަށް ބަސް މަޑުކުރާނެ އެވެ.

މި ބަސް ދަތުރު އޮންނާނީ ކޮންމެ ދުވަހަކު ފަތިހު 5:45 ން ފެށިގެން ދަންވަރު 12:15 އަށެވެ. އަދި ކޮންމެ 10 މިނެޓަކުން ސްޓޮޕަށް ބަސް މަޑުކުރާނެ އެވެ.

ކޮންމެ ބަސް ސްޓޮޕެއްގެ ދެމެދުގައި ހުންނާނީ ފަސްވަރަކަށް މިނެޓުން ހިނގާލާފަ ދެވޭހާ ދުރުމިނެވެ. މާލޭގެ ކޮންމެ ތަނަކުން ވެސް، އެންމެ ގިނަވެގެން ދިހަ މިނެޓް ހިނގާލާފައި ބަހަށް ދެވޭހާ ކައިރީގައި ބަސް ސްޓޮޕް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ބަސް ސްޓޮޕްތައް ކަނޑައެޅުމުގައި ވެސް ބަލާފައިވާނީ ސްކޫލްތަކާއި، ހޮސްޕިޓަލް، މިސްކިތްތައް އަދި އާއްމު ޚިދުމަތްތައް ލިބޭ ސަރަޙައްދުތަކަށް ދިއުމަށް ލުއިފަސޭހަ ވާނެގޮތަށް ކަމަށް އެމްޓީސީސީން ބުނެ އެވެ.

ޚިދުމަތް ލުއިފަސޭހަކުރުމަށް އެމްޓީސީސީން މިހާރު މިވަނީ ބަހުގެ ޚިދުމަތަށް "ކިއުއާރު ޓިކެޓިން" ވެސް ތައާރަފްކޮށްފަ އެވެ.

މިއީ ގޭގައި ތިބެގެން، އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން ބޭނުންކޮށްގެން ޓިކެޓް ގަނެވޭނެ ގޮތް ހަމަޖެއްސުމަށް ގާއިމުކުރި ނިޒާމެކެވެ. ކިއުއާރު ޓިކެޓް ނެގުމަށްފަހު، ހަފްތާއެއް ވަންދެން ބޭންދިދާނެ އެވެ.