ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން ހިންގާ ހަތަރު އެއާޕޯޓެއްގައި ބެހެއްޓި ރެޕިސްކޭން ބްރޭންޑްގެ ސްކޭންކުރާ މެޝިންތައް ބޭނުންކުރަން ހުއްދަދީފި އެވެ.

އެ ކުންފުނިން ބުނީ ރެޕިސްކޭންގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަ އަދި ސާވިސް ޕްރޮވައިޑާއާއެކީ، އާރުއޭސީއެލްގެ އެއާޕޯޓްސްތައް ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގެ ސްޓޭންޑަޑަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައިވާ ސިޔާސަތާއި އެއްގޮތަށް މިނިސްޓަ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީގެ ސީދާ ބެއްލެވުމުގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން ( ޑާސާ) އިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުން އަންނަ 4 އެއާ ޕޯޓެއްގައި ބެހެއްޓި މެޝިންތައް ބޭނުންކުރުމުގެ ހުއްދަދީފައިވާ ކަމަށެވެ.

އަލަށް މެޝިންތައް ބަހައްޓާފައި ވަނީ، ހދ. ކުޅުދުއްފުށީ އެއާޕޯޓް، ށ. ފުނަދޫ އެއާޕޯޓް، ފުވައްމުލައް އެއާޕޯޓު، ގދ. މާވަރުލު އެއާޕޯޓުގަ އެވެ.

ރެޕިސްކޭން ބްރޭންޑްގެ މެޝިންތައް އެއާޕޯޓުތަކުގައި ބެހެއްޓުމަށްފަހު މުވައްޒަފުންނަށް ތަމްރީނުދެނީ. ފޮޓޯ: ރީޖަނަލް އެއާޕޯޓްސް

އާރުއޭސީއެލް އިން ބުނީ އަލަށް ބެހެއްޓި މެޝިންތަކާއެކު އާރުއޭސީއެލް އިން ބޭނުން ކުރަމުން އަންނަ ހުރިހާ އެއާޕޯޓެއްގައި ބޭނުންކުރާ ސްކްރީނިން މެޝިންތަކަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން އެކުލަވާލާފައިވާ "މޯލްޑިވްސް އޭވިއޭޝަން ސެކިއުރިޓީ ސްކްރީނިންގ ޓެކްނޮލޮޖީ" ލިސްޓްގައި ހިމެނޭ އެކްސްރޭ މެޝިންތަކެއް ކަމަށެވެ.

އާރުއޭސީއެލް އިން ހަތަރު އެއާޕޯޓްގައި ބެހެއްޓި މެޝިންތަކަކީ ވެސް ރެޕިސްކޭން ބްރޭންޑްގެ މެޝިންތަކެކެވެ. އަދި އެބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު އަދި ސާވިސް ޕްރޮވައިޑާއަކީ ވެސް އާރުއޭސީއެލް އެވެ.

ރެޕިސްކޭން ބްރޭންޑްގެ މެޝިންތައް އެއާޕޯޓުތަކުގައި ބެހެއްޓުމަށްފަހު މުވައްޒަފުންނަށް ތަމްރީނުދެނީ. ފޮޓޯ: ރީޖަނަލް އެއާޕޯޓްސް

"އެއާއެކު ސްކްރީނިން މެޝިންތަކަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެ. މި ސްކްރީނިން މެޝިންތަކުގެ މައްސަލަ ހައްލުވެގެން ދިއުމަކީ ކުންފުންޏާއި ރައްޔިތުން ވެސް ގިނަ ދުވަސްތަކެއް ވަންދެން އުފުލަމުންއައި ތަކްލީފުތަކަށް ނިމުން އައިސް ދަތުރުފަތުރުކުރާ ފަރާތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް،" އެ ކުންފުނިން ބުނެ އެވެ.