ޓީޖީއެސްޓީ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބުން ދައުލަތަށް މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ބުނީ މިދިޔަ މަހު އެއިދާރާއަށް 1.32 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށެވެ. މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 3.6 އިންސައްތަ އިތުރު އަދަދެކެވެ. އަދި، އޮގަސްޓު 2022 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 5.9 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނި ގޮތުގައި، އޮގަސްޓު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އޮގަސްޓު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު އަންދާޒާކޮށްފައިވާ މިންވަރަށް ވުރެ 5.4 އިންސައްތަ އިތުރުވެފައިވާކަމަށް މީރާއިން ބުނެ އެވެ. މިކަމުގެ ސަބަބުން ޓިޖީއެސްޓީ އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފަ އެވެ.

އޮގަސްޓު 2022ގެ އާމްދަނީ އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި، އިންކަމް ޓެކްސްގެ ކުރީގެ ޑެޑްލައިންތަކުގައި ލިބެންޖެހޭ އާމްދަނީ އޮގަސްޓު މަހުގައި ލިބިފައިފުން ހިމެނޭ ކަމަށް މީރާއިން ބުނެ އެވެ.

މީރާއިން ބުނިގޮތުގައި، އޮގަސްޓު 2022 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ އޮގަސްޓު 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ އޮގަސްޓު 2021 ގައި ލިބިފައެއް ނުވެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 48.7 އިންސައްތަ ނުވަތަ 645.81 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 19.9 އިންސައްތަ ނުވަތަ 263.86 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.50 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 73.09 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 69.43 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 196.28 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އޮގަސްޓު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.