ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއާ އިންޑިއާގެ ދަތުރުތައް އަލުން ފަށައިފި އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ ގުޅިގެން އެއާ އިންޑިއާގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށާފައިވާއިރު، ހަފްތާއަކު އެއް ދުވަހު އުދުހޭނެ އެވެ. އެގޮތުން، ޓްރިވެންޑްރަމް އާއި މާލެއާ ދެމެދު ކޮންމެ އަންގާރަ ދުވަހަކު ފްލައިޓް އޮންނާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން، އިންޑިއާގެ ބޯޑަރު އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. އެހެން، ނަމަވެސް އިންޑިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށާފައި މިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމްކޮށްފައިވާ "ޓްރެވަލް ބަބްލް"ގެ ތެރެއިންނެވެ.

އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާ އަށް ދާ ގައުމެކެވެ. އެހެން ނަމަވެސް، މިހާރު ބޭހަށް ދަނީ އެ ގައުމުގެ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން، އާސަންދަ އިން ޗާޓަރު ކުރާ ފްލައިޓުތަކުގަ އެވެ.

އެއާ އިންޑިއާގެ ދަތުރުތައް ފެށުމާއިއެކު، ބޭހަށް ދާ ދިވެހިންނަށް ފަސޭހަވެގެންދާނެ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓް ކަމަށްވާ އިންޑިއާގެ ފަތުރުވެރިންނަށް ވެސް ރާއްޖެ އައުމަށް މަގުފަހިވެގެންދާނެ އެވެ.-- އެމްބީއެސް